ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ނޭކުރެންދޫ ޞިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

ހދ. ނޭކުރެންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށް، މިއަދު ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު، އަލްފާޟިލް ޢަބްދުﷲ ނާޒިމްއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙް އާއި ނޭކުރެންދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި މަޝްރޫޢަކީ ސަރުކާރުން އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

"އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު" ކަމުގައި މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ފަށާފައިވާ އެކި ޞިއްޙީ މަޝްރޫޢުތައް ނިމިގެންދާއިރު، އަތޮޅުތެރޭގެ ޞިއްޙީ ނިޒާމުގައި ހުރި ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ. މި މަޝްރޫޢުގެ ސަބަބުން ނޭކުރެންދޫގެ ރައްޔިތުންނަށް ލިބެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން