ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ވަޑައިގަތުމާ ގުޅިގެން އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.
ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއީ އެމަނިކުފާނު ވަޑައިގެންނެވި 11 ވަނަ ރަށެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ ކުޅުދުއްފުށި ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖައްސަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ، އެ ސިޓީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުޅުދުއްފުށީގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވާ، އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްވެސް ވަގުތު ކަނޑައަޅުއްވާފައެވެ. މި ބައްދަލުވުންތަކުގައި ސިޓީގެ ތަރައްޤީއަށް ކުރެވިދާނެ އިތުރު ކަންކަމާ މެދު މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.