ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 20 އޮގަސްޓް 2025 ފަށައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ 16 އަތޮޅެއްގެ 35 ރަށަކުން ޖުމްލަ 49 ޓީމެއް ވާދަކުރާއިރު، މުބާރާތުގެ ޕްރައިޒް ޕޫލްގެ ގޮތުގައި 50،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ކުޅޭނީ ޕަބްޖީ މޮބައިލް ގޭމް ކަމަށްވާއިރު، ހުރިހާ މެޗުތަކެއްވެސް ކުޅެވޭނީ އޮންލައިންކޮށެވެ. މުބާރާތުގެ އެއްވަނަ ހޯދާ ޓީމަށް 25،000 ރުފިޔާ، ދެވަނައަށް 12،000 ރުފިޔާ، ތިންވަނައަށް 6،000 ރުފިޔާ އަދި ހަތަރުވަނައަށް 3،000 ރުފިޔާ ލިބޭނެއެވެ. މީގެއިތުރުން މުބާރާތުގެ އެމްވީޕީއަށް 4،000 ރުފިޔާ ލިބޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން މި މުބާރާތް ރާވާފައިވަނީ ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށްވެސް ބައިވެރިވެވޭނެ ގޮތަށެވެ. މި ލީގަކީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް އީސްޕޯޓްސް ކޮމިއުނިޓީ އެއްތަންކޮށް، ޒުވާނުންނަށް ކުރިއަށްދެވޭނެ އިތުރު މަގުތައް ހޯދައިދޭނެ ލީގެއްކަމަށް އުރީދޫއިން ބުނެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި އއ. އަތޮޅުން މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަހުގެ އެޗްއެންޓީއާރް ފަދަ ޓީމުތައް ހިމެނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުން ގިނަ އަދަދެއްގެ ޓީމުތަކެއް މި މުބާރާތުގައި ވާދަކުރާނެއެވެ.
މުބާރާތުގެ އެންމެހާ މެޗުތައް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރާނެ ކަމަށާއި، މުބާރާތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެ ކަމަށް އުރީދޫއިން ބުނެއެވެ.