ހދ. ނޭކުރެންދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް މިއަދު ވަނީ ބިންގާ އަޅާފައެވެ. މި ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ލަމާން މުހައްމަދު އަދި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މުހިންމު ރަސްމިއްޔާތުގައި ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ ސިރާޖްގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުންނާއި ކައުންސިލުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢަކީ ރަށުގެ ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.
ނޭކުރެންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ރައީސް ވިދާޅުވީ އެރަށުގައި ބިންގާ އެޅުނު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއެކު އިންޑޯ ކުޅިވަރުތައް ކުޅުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އެރަށުގައި ގާއިމުކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޑްމިންޓަން ހޯލެއް ހިމަނާފައިވާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިއީ އެރަށަށް ޚާއްސަކޮށް އިތުރުކުރެއްވި ވަސީލަތެއްކަމަށެވެ. ނޭކުރެންދޫއަކީ މޮޅެތި ބެޑްމިންޓަން ކުޅުންތެރިންތަކެއް ތިބި ރަށެއްކަމުން އެފުރުސަތު އެރަށަށް ފަހިކޮށްދެއްވީކަމަށް ރައީސް ވިދާޅުވެފަވެއެވެ.
"ފިޓްނެސް އެންޑް ރެކްރިއޭޝަން މަރުކަޒަކީވެސް އިންޑޯ އެކިކަހަލަ ކުޅިވަރުތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށްވާނެ. މި ފިޓްނެސް އެންދް ރެކްރިއޭޝަން މަރުކަޒު އެޅިގެންދާއިރުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރުކަމެއް މިރަށުގައި ކުޅިވަރަށްޓަކައި މިރަށުގައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަކޮށް ބެޑްމިންޓަން ކުޅުމުގައި ވަރަށް ކުޅަދާނަ ރަށަކަށްވާއިރުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިންޑޯ ބެޑްމިންޓަން ހޯލަކާއި އެކީގައި އެމަޝްރޫޢު ކުރިއަށްގެންދާނަން" ރައީސް ވިދާޅުވިއެވެ.
މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިންމުމަށް ވަނީ 2024 ވަނަ އަހަރުގެ ނިޔަލަށް އަމާޒު ހިފާފައެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ރައްޔިތުންނަށް ޒަމާނީ ވަސީލަތްތަކާއެކު ކުޅިވަރު ކުޅުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ.
މި ސެންޓަރު ގާއިމުކުރުމަކީ ސަރުކާރުގެ ކުޅިވަރު ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ލިބި، ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެކަމަށް އުއްމީދު ކުރެވެއެވެ.