ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ރައީސް ހުޅުއްވައިދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ނޭކުރެންދޫ ހޭންޑްބޯޅަ ކޯޓު ރައީސް ހުޅުއްވައިދެއްވައިފި

ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫގައި އަލަށް ޤާއިމްކުރެވުނު ހޭންޑްބޯޅަ ކޯޓު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.

ތިލަދުންމަތީ ދެކުނުބުރިއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޭންޑްބޯޅަ ކޯޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް ޢަބްދުﷲ ރާފިޢުއާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ނޭކުރެންދޫ ކައުންސިލްގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ސަރުކާރުގެ ފަރާތުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން ވަޢުދެއް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްސަލް ދަނޑާއި، ވޮލީ ކޯޓާއި، ހޭންޑްބޯޅަ ކޯޓު ފަދަ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ނޭކުރެންދޫގައި މި ހޭންޑްބޯޅަ ކޯޓު ޤާއިމްކުރެވުމާއެކު، އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ އިތުރު ފުރުސަތުތަކެއް ލިބި، ކުޅިވަރުގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އެރަށުގެ ރައްޔިތުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން