ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 4000 މީހުންގެ ތެރެއިން 3402 މީހުންގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާއިން ވަނީ ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ފޮނުވާފައެވެ.
އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފެށިތާ 24 ދުވަސް ވެގެން ދިޔައިރު، މިހާތަނަށް 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވެއެވެ. "މިއީ ވަރަށް ބޮޑު ކާމިޔާބީއެއް" ކަމުގައި އެކުންފުނިން ފާހަގަކުރައްވައެވެ.
އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަޙައްދުގައެވެ. ޚިދުމަތް އަވަސްކުރުމަށްޓަކައި އެ ސަރަޙައްދުގައި 10 ވަރަކަށް ކައުންޓަރު ވަނީ ޤާއިމުކޮށްފައެވެ.
އެފްޑީސީން ބުނާ ގޮތުގައި، ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވެއެވެ. މި މަސައްކަތަކީ ގެދޮރުވެރިކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައި ފާހަގަކުރެވެއެވެ.
76 މާކްސްއަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދިނުމަށްފަހު ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމަވާފައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން އަދިވެސް ބާކީ 598 މީހުންގެ ނަން އެއްބަސްވުން އެކުލަވާލުމަށް އެފްޑީސީއަށް ފޮނުވަން އޮތްކަން ފާހަގަކުރެވެއެވެ.