ކުޅުދުއްފުށީ ސިޓީ އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލްގެ އައު އިމާރާތެއް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މުހިންމު މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އައު ޓަރމިނަލް އިމާރާތް އެޅުމުގެ މަޝްރޫޢަކީ ކުޅުދުއްފުށީ ސިޓީގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް، ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
މި އައު އިމާރާތާއެކު، ކުޅުދުއްފުށީ ސިޓީގެ އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، އިތުރު ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.