ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ރަސްމީކޮށް ފަށައިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ހދ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއިރު، މަޝްރޫޢުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ.

މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުޅުދުއްފުށި ސިޓީގެ 3.45 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. އަދި މި މަސައްކަތް ނިންމުމަށް 730 ދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

ކުޅުދުއްފުށި ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އެ ސިޓީގެ ވަށައިޖެހޭ ތަރައްޤީއަށް ގެންދަވާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ކުޅުދުއްފުށި ސިޓީގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމުވެގެންދާނެއެވެ.

މިއަދު އޮންލައިން