ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އެމްޕީއެލްއާ ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު މިއަދު ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްފައެވެ. މި މަޝްރޫޢާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި އެމްޕީއެލްއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާނެވެ.

ސަރުކާރުން މި މަޝްރޫޢަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާފައިވާއިރު، މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސަބަބުން އުތުރު ރާއްޖެތެރޭގެ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރުވެ، ވަޒީފާގެ އިތުރު ފުރުޞަތުތަކެއް ވެސް އުފެދިގެންދާނެއެވެ.

 

މިއަދު އޮންލައިން