ޢިބްރަތްތެރި ވާހަކަ: ކިތަންމެ ދަތިވިޔަސް އެއްވެސް މީހެއްގެ ގާތުން ކަމަކަށް ނުއެދި ދަމުނަމާދުކޮށް ދުޢާކުރުމުގަ ޘާބިތުވި އެކަނިވެރިމައަކަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ޢިބްރަތްތެރި ވާހަކަ: ކިތަންމެ ދަތިވިޔަސް އެއްވެސް މީހެއްގެ ގާތުން ކަމަކަށް ނުއެދި ދަމުނަމާދުކޮށް ދުޢާކުރުމުގަ ޘާބިތުވި އެކަނިވެރިމައަކަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

އަކުރެންނަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައި އުޅެމުން އަންނަ އަންހެނަކީމެވެ. 5 އަހަރުން ދަށުގެ 2 ދަރިން ބަލަމުން އަންނަ އެކަނިވެރިމައަކީމެވެ. ފިރިމީހާ އަހުރެން ދޫކޮށްލާފައި އެކަނިވެރިކޮށްލުމުން ވަރަށް ނިކަމެތި ޙާލުގައި ޖެހުނެވެ.  

ވަރިކޮށްލުމަށްފަހު ފިރިމީހާ އެއްވެސް ޚަރަދެއް ނުކުރެއެވެ. ދަރިންނަށް ދޭނެ ކިރުކޮޅެއްގެ މިންވަރުވެސް ގަނެ ނުދެއެވެ. ދުވަސްތައް ހޭދަކުރަމުން އައީ އެއް އިރު ކައިގެންނެވެ. ދަރިންނަށްވެސް ދެމުން އައީ ގޯތިތެރެއިން ލިބޭ މޭވާ އާއި ތަރުކާރީއެވެ. ފަތްޕިލާވެއްޔެވެ. ކުދިންނަށް ކާން ދޭން ނުލިބިދާނެތީ އަޅުގަނޑަށް ގިނައިން ކާން ނުކެރެނީއެވެ. އެކަމަކުވެސް އެއްވެސް މީހެއްގެ ގާތު އެއްވެސް ކަމަކު ނުއެދެމެވެ. ދަތިޙާލެއްގަ އުޅޭ ވާހަކަވެސް ނުބުނަމެވެ. ހަމައެކަނި ވާގިއެދުނީ މާތް ﷲ ގެ ހަޟްރަތުންނެވެ.  

އެގޮތަށް 5 މަސްވީފަހުން އެނދުން ތެދުވަންވެސް ނުރެހެވޭ ދުވަސްތަކެއް އައެވެ. ދެން އަހުރެން މިކިޔައިދެނީ އެދުވަސްތަކުގައި އަހުރެން ކަންތައް ކުރި ގޮތެވެ.  

ގަޑިއާއި ފޯނާއި ދޭތި ސޯނާކޮށްގެންވެސް 3.30 ގައި ހޭލަމެވެ. އެނދުން ތެދުވަނީ އަމިއްލަ ނަފްސަށް މަޖުބޫރުކޮށްގެންނެވެ. ފާޚާނާއަށްދާން ހިނގައި ގަންނަނީވެސް ހަމަ މަޖުބޫރުކުރުވައިގެންނެވެ.  

ކުޑަގޮތަކަށް ގައިދޮވެލައި ވުޟޫކޮށްލުމުން ހިތްވަރު ލިބިގެންދެއެވެ. ދަމުނަމާދުކޮށްލައި ޛިކުރުކޮށްލުމުން އިތުރު ހިތްވަރު ލިބިގެންދެއެވެ. އެއަށްފަހު ފަތިސްނަމާދުކޮށް ޛިކުރުތައް ކިޔަވައިލުމުން އިތުރަށް ހިތްވަރު ލިބިގެންދެއެވެ.  

ދެން ބުނަން ހެއްޔެވެ؟ ލިބޭ ހަކަތައިގައި މުޅި ދުވަހު ހިތްވަރުކުރެވެއެވެ. ދެދަރިންގެ ކަންކަމަށް ސަމާލުކަންދިނުމުން އިތުރަށް ހިތްވަރު ލިބެއެވެ. އެކަމަކު ނިދަންވާއިރު ހުންނަނީ އަނެއްކާވެސް ވަރުބަލިވެ މާޔޫސްވެފައެވެ. ނިދެނީވެސް ވަރަށް ޙާލުންނެވެ. އެކަމަކުވެސް ހަމަ ހިތްވަރުކޮށްލާފައި ކުރިން ބުނިފަދައިން ދަމުނަމާދަށް ހާލަމެވެ.  

ނަތީޖާ މިބުނަނީއެވެ. އެދަތިޙާލުގައި 6 މަސްފުރި 7 ވަނަ މަހަށް ފެށުނުތަނާ އެއްދުވަހެއްގެ ހަވީރު މީހަކު ދޮރުގައި 2،3 ފަހަރު ޓަކިޖެހުމުން ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ އަވަށްޓެރި ފިރިހެނެކެވެ. އޭނާ ފުރަތަމަވެސް ކުރީ 2 ސުވާލެކެވެ. "ކަލެއާއި ކަލޭގެ ދެދަރިން ބަލައިދޭނަމަ އަހަރެންގެ 2 ދަރިން ބަލައިދީފާނަން ހެއްޔެވެ؟ އަދި އަހަރެން ދެކެ ލޯބިނުވިޔަސް ކައިވެނިކޮށްފާނަން ހެއްޔެވެ؟ ހަމަ ޤައިމުވެސް އަހަރެންގެ ފަރާތުން ކަލޭ ހިތާމަކުރަންޖެހޭނެ ކަމެއް މެދުވެރިއެއް ނުވާނެއެވެ."  

ﷲ ލެއްވެވި ރަހްމަތަށް ޙަމްދުކޮށް އަވަހަށް އެއްބަސްވީމެވެ. އޭނާއަކީ އަނބިމީހާ ނިޔާވެ ވަރަށް އެކަނިވެރިހާލުގައި އުޅޭ މީހަކަށްވާތީ އާއި އަޚްލާޤް ރަނގަޅު މީހަކުކަން އެނގޭތީއެވެ. 2،3 ދުވަސްތެރޭގައި ކައިވެނިކުރެވުނެވެ.  

ކޮންމެއަކަސް އެއިގެ ފަހުން މިހާރު 28 އަހަރުވީއެވެ. އޭނާގެ 2 ދަރިންނާއި އަހުރެންގެ 2 ދަރިންނާއި އަދި ދެމަފިރިންގެ 3 ދަރިންނާއިއެކު 7 ދަރިން ބޮޑުވެ 5 ދަރިން މިހާރު އުޅެނީ ވަޒީފާގައެވެ. ދެދަރިން ދިރިއުޅެނީ އެމީހުންގެ ފިރިންނާއިއެކުގައެވެ. ދެމަފިރިންނަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. އެންމެ ކުޑަމިނުން ގޭގެ މަސައްކަތްވެސް ކުރާކަށް ނުޖެހެއެވެ. ދަރިން ބަލަނީ މަސައްކަތްކުރިތޯއެއް ނޫނެވެ. އަޅުކަންކުރިތޯއެވެ. 

އަހުރެން ނިޞްބަތްވަނީ ހުވަދުއަތޮޅަށެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރަނީ އަހުރެން ފަދައިން އެކަނިވެރިވެ ނިކަމެތި ޙާލުގައި އުޅެންޖެހޭ އަންހެނުންނަށް ހިތްވަރަކަށެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން