ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަށްޓަވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޚިދުމަތް ފަށްޓަވައިދެއްވީ އެމަނިކުފާނު މިހާރު ތިލަދުންމަތީ ދެކުނުބުރިއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިނބިއަށް ކުރެއްވި ޒިޔާރަތުގައެވެ. އަދި މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު، ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ވަނީ ހަވާލުކުރައްވާފައެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުރިނބީގައި ޤާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ވެސް ޚިދުމަތް ލިބޭނެއެވެ. މީގެ ތެރޭގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި އެކައުންޓުން އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތްތައް ހިމެނެއެވެ.
މި ޚިދުމަތް ފެށުމާއެކު، ކުރިނބީގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިއީ ރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއެރުވުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.