ހދ. ކުރިނބީ ޞިއްޙީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
765 މީހުންގެ އާބާދީއެއް އޮންނަ ކުރިނބީގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ސަބަބުން ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އެހެން ރަށްރަށަށް ބޭސްފަރުވާއަށް ދަތުރުކުރަންޖެހޭ މިންވަރު މަދުވެގެން ދިއުމެވެ. މީގެ ސަބަބުން ރައްޔިތުންނަށް ކުރަންޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.
12.53 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، 4,600 އަކަފޫޓުގެ ސަރަހައްދެއްގައި އިމާރާތެއް ކުރެވޭނެއެވެ. މި އިމާރާތުގައި މެޑިކަލް ގޭސް ސިސްޓަމާއި، އެއަރ ކޮންޑިޝަން ސިސްޓަމާއި، އަލިފާން ނިއްވާ ނިޒާމެއް ހިމެނޭނެއެވެ. މި މަޝްރޫޢު 300 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.