ހދ. ކުރިނބީ ފުޓްބޯޅަ ދަނޑު ހެދުމަކީ ސަރުކާރުން ކުރަން ނިންމާފައިވާ މަސައްކަތެއް ކަމަށާއި، ދާދި އަވަހަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އެމަނިކުފާނު ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރުގެ ދާއިރާއިން ބަލާއިރު ކުރިނބީގައި ފުރިހަމަކޮށްދޭން ބޭނުންވާ ގިނަ ކަންތައްތަކެއް ހުރި ކަމަށް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރެވިގެންދާނީ ބޭނުންވާ ހުރިހާ ވަސީލަތްތަކާ އެކުގައި ކަމަށެވެ.
މީގެއިތުރުން، މިވަގުތު ރަށުގައި ބޭނުންކުރަމުންދާ ފުޓްސަލް ދަނޑުގެ ޓާފް ހަލާކުވެފައިވާ ކަމަށް ފާހަގަކުރައްވައި، އެ ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ރައްޔިތުންނަށް ދެއްވިއެވެ.
ކުރިނބީގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން މިފަދަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަކީ، އެ ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން ކުރިއެރުން ހޯދުމަށް ލިބިގެންދާނެ ބޮޑު ހިތްވަރެއް ކަމުގައި ރަށުގެ ޒުވާނުން ފާހަގަކުރެއެވެ.