ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހދ. ކުމުންދޫއަށް ވަޑައިގަތުމުން، ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކުމުންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާ، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ކުމުންދޫއަކީ ވަޑައިގަންނަވާ 13 ވަނަ ރަށެވެ. އަދި މިއީ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލްކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށާއި، ރައްޔިތުންގެ ހާލު އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު، އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.