ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މިކަން އިޢުލާން ކުރައްވާފައިވާއިރު، މި އެހީއަށް އެދެވޭނީ އަންނަ މަހުގެ 27 ވަނަ ދުވަހާ ހަމައަށްކަން އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި މި އެހީއަށް އެދި ހުށަހެޅުމަށް ޚާއްޞަ އޮންލައިން ޕޯޓަލެއް ކަމުގައިވާ mediaapp.one.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ހަމަޖައްސާފައެވެ.
"މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު" މި މަހުގެ 19 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ. މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ މީޑިއާ ދާއިރާ ހަރުދަނާކޮށް، މިނިވަން ނޫސްވެރިކަން ކުރިއެރުވުމެވެ.
މި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކެއްގެ މަތިންނެވެ. މި އެހީތެރިކަން ލިބޭ ފަރާތްތަކުން އެ ފައިސާ ބޭނުންކުރަންޖެހޭނީ މީޑިއާގެ މަސައްކަތްތައް ތަރައްޤީކުރުމަށާއި، އިދާރީ ޚަރަދުތަކަށެވެ.
މި އެހީތެރިކަމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތައް ވަޒަންކުރުމަށްފަހު، ޝަރުޠު ހަމަވާ ފަރާތްތަކަށް އެހީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.