ތަރައްޤީ އާ އުސްމިންތަކަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ތިލަދުންމަތީ ދެކުނުބުރީގެ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތަރައްޤީ އާ އުސްމިންތަކަކަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ތިލަދުންމަތީ ދެކުނުބުރީގެ ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ ނިންމަވާލައްވާފައެވެ. މި ދަތުރުފުޅުގައި އަތޮޅުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވައި، އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައިވެއެވެ. މީގެ ތެރޭގައި ވައިގެބަނދަރުތަކާއި، ވިޔަފާރި ބަނދަރު އަދި ކަނޑުދަތުރުފަތުރާ ގުޅުންހުރި ވަސީލަތްތައް ތަރައްޤީކުރެއްވުމުގެ މަސައްކަތްތައް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި، ކައުންސިލްތައް ބާރުވެރިކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، "ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަހެއް ނާޅާނެ" ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

މި ދަތުރުފުޅަކީ ސަރުކާރުގެ ނޮދަރން އިންޓެގްރޭޓަޑް ޑިވެލޮޕްމެންޓް ޒޯންގެ ތަޞައްވަރު ހާސިލުކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ދަތުރުފުޅެއް ކަމަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން