ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލުކޮށްފިއެވެ. މިގޮތުން އެންމެ ފަހުން ޚިދުމަތް ގާއިމުކުރި ރަށަކީ ހދ. ކުމުންދޫއެވެ.

ކުމުންދޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބު އަދި ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކުމުންދޫގެ އިތުރުން މިއަދު ހދ. ކުރިނބީގައިވެސް އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ހދ. ކުމުންދޫގައި އޭޓީއެމް ޚިދުމަތް ފެށުމާއެކު، މިހާރު ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަޅުގަނޑުމެންގެ އޭޓީއެމް ޚިދުމަތް މިވަނީ ގާއިމްކުރެވިފައި" ކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ، "ކޮންމެ އޭޓީއެމްއަކާއެކު، އަޅުގަނޑުމެން މިދަނީ މުޖުތަމައުތަކާ ވީހާވެސް ގާތުން ބޭންކިންގ ޚިދުމަތްތައް ދެމުން. އަޅުގަނޑުމެންގެ މަގްސަދަކީ ކޮންމެ ފަރުދަކަށްވެސް އަދި ކޮންމެ މުޖުތަމައަކަށްވެސް މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގުފަހިކޮށްދިނުން" ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ގާއިމުކޮށްފައެވެ. މިގޮތުން 20 އަތޮޅުގައި 42 ބްރާންޗް، 156 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 215 އޭޓީއެމްގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ގާއިމުކޮށްފައިވެއެވެ. ބޭންކުގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއަދު އޮންލައިން