ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ހޭލުންތެރިކުރުވުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން އެކްސް ސްޕޭސަސް ލައިވް އިވެންޓެއް ބާއްވައިފިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް މި މަހުގެ 25 ވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން މި މަހުގެ 25ވަނަ ދުވަހުގެ ރޭ ބޭއްވި މި އިވެންޓަކީ އައު ޤާނޫނުގެ މުހިންމު ބައިތަކާއި، ޤާނޫނު ތަންފީޒުކުރުމަށްޓަކައި ތަންފީޒީ އިދާރާތަކުން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ބޭއްވި އިވެންޓެކެވެ.
މި އިވެންޓުގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ ވިދާޅުވީ، 2024 އިން 2028އަށް އެކުލަވައިލާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭންގައި އިސްކަމެއް ދީފައިވާ އެއްކަމަކީ، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕުތަކުން ކުރާ ކުށްތައް ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
އެގޮތުން "ގޭންގު ކްރައިމް އެންފޯސްމަންޓް"ގެ ނަމުގައި ވިންގެއް އުފައްދައި، އޮޕަރޭޝަނަލް އަދި ތަހުގީގީ މަސައްކަތްތަކެއް ފެށިގެން ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މި އައު ޤާނޫނަކީ މި މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރުމަށް ވަރަށް ބޮޑު ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ލައިވް އިވެންޓްގަ ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަދުހަމް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ކަމާގުޅުން ހުރި އިދާރާތަކާއި، ޚާއްސަކޮށް ޕީޖީ އޮފީހުގެ މަޝްވަރާތަކާ އެކު ފުލުހުންގެ ތެރޭގައި މި ޤާނޫނާ ގުޅިގެން ޤަވާއިދުތަކެއް ހަދާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފޯމުތައް ތައްޔާރުކޮށް ސިސްޓަމަށް އަޅައި ގާތްގަނޑަކަށް ނިމިފައިވާކަން ފާހަގަކުރެއްވިއެވެ.
މި އިވެންޓުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޢާއިޝަތު މުޙައްމަދު އާއި އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ސާމީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު ޢަލީ އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަދުހަމް ބައިވެރިވެވަޑައިގެންނެވިއެވެ.
ހަބަރު: ސަރުކާރު