މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި އައު އައިނު ފިހާރައެއް މިއަދު ހުޅުވައިފިއެވެ. "އެމް.ސީ.ޖީ.އެޗް އޮޕްޓިކަލްސް ހުޅުމާލެ" ގެ ނަމުގައި ހުޅުވުނު މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މި އައިނު ފިހާރައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އައިނު ހެއްދުމުގެ ޚިދުމަތް ފުޅާކުރުމަށް ނިންމި ނިންމެވުމާ އެއްގޮތަށް ހުޅުވުނު ފިހާރައެކެވެ. މި ފިހާރައިން ދެމުންގެންދާނީ އައިޖީއެމްއެޗްގައި ހުޅުވާފައިވާ އައިނު ފިހާރައެކޭ އެއްފެންވަރުގެ ޚިދުމަތްތަކެކެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި މި ފިހާރައަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވިފައިވާ ފިހާރައެކެވެ. އަދި އާސަންދައިން އައިނު ހެއްދުމަށް ދެމުންގެންދާ 2000 ރުފިޔާގެ ލިމިޓްގެ ތެރެއިން ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ފިހާރައިން ހިލޭ އައިނު ހެއްދޭނެއެވެ.
މި ފިހާރަ ހުޅުވުމާއެކު ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މިއީ ސަރުކާރުން ޞިއްޙީ ޚިދުމަތްތައް ލާމަރުކަޒީ އުޞޫލުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ.