ޗައިނާގެ ފުޖިއާން ޕްރޮވިންސުން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ. މި ހަދިޔާގެ ތެރޭގައި ފުޓުބޯޅައާއި، ދަބަހާއި، ތޮފި، ޓްރެކްސޫޓް، އިސްޓާކީނު އަދި ފިރިހެނުންގެ ސޯޓާއި ޓީޝާޓް ހިމެނެއެވެ.
ފުޖިއާން ޕްރޮވިންސުގެ ފަރާތުން މި ތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިންވާ އެވެ. އަދި ރާއްޖޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ފާހަގަކޮށްލެވޭ ކަމަކީ މިއަހަރުގެ މިހާތަނަށް ފުޖިއާން ޕްރޮވިންސުން ވަނީ ދެފަހަރެއްގެ މަތިން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ. މިކަމުން ދޭހަވަނީ ދެ ޤައުމުގެ ކުޅިވަރުގެ ދާއިރާގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަމެވެ.
މި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަހަރުގެ ފެބުރުއަރީ މަހު ރާއްޖެއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން ދެފަރާތުގެ ކުޅިވަރުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ހަދިޔާއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ މުހިންމު ހަދިޔާއެއް ކަމުގައި ވަޒީރު ރާފިޢު ފާހަގަކުރެއްވިއެވެ.