ގްރީން ޒޯނެއްގައި މުޒާހަރާކުރި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން މިހެންވިދާޅުވީ މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަަމަށާއި އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާއިގުޅިގެންނެވެ.
އިއްޔެ ހިނގި މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާކަން ޔަގީންކޮށްދެއްވަމުން ވަޒީރު އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން މުޒާހަރާކޮށްފައިވަނީ ސެކިއުރިޓީ/ގްރީން ޒޯނެއްގައި ކަމަށްވާ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު ކުރިމަތީގައެވެ. އަދި މިއީ ޤާނޫނާ ޚިލާފު ކަމެއް ކަމުގައިވާތީ، ފުލުހުން ވަނީ އެތައް ފަހަރެއްގެ މަތިން އަނގަބަހުން އިންޒާރުދީ އިރުޝާދު ދީފައިވާ ކަމަށް ވިދާޅުވިއެވެ.
އިރުޝާދުތަކަށް އިޖާބަ ނުދިނުމުން، ބައެއް ނޫސްވެރިން ސެކިއުރިޓީ ޒޯނުން ބޭރަށް އެސްކޯޓްކުރި ކަމަށް ވަޒީރު އިޙްސާން ފާހަގަކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ވަޒީރު އިޙްސާން ވަނީ ޚާއްޞަކޮށް މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން، ނުބައި މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ.