މީޑިއާ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން: އޭޖީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
މީޑިއާ ބިލުގެ ބޭނުމަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން: އޭޖީ

މީޑިއާ ބިލުގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

މީޑިއާ ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލަކީ ކުރީގެ މަޖިލިސްތަކުންވެސް ކުރަން މަސައްކަތްކުރި ކަމެއްކަމަށް އޭޖީ ފާހަގަކުރެއްވިއެވެ. މިކަން ބަންޑާރަ ނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ސާބިތުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭޖީ އުޝާމް ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ބިލު އިތުރަށް ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދިދާނެއެވެ. ނަމަވެސް، ބިލު އަނބުރާ ގެންދަން ޖެހޭކަމަށް އެމަނިކުފާނު ޤަބޫލުފުޅެއް ނުކުރައްވައެވެ.

"މިހާރު ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން މިހާތަނަށް މި ބިލުގައި ހުރި މާއްދާތައް ދިރާސާކުރިއިރު، އަދި މިހާތަނަށް މިމަސައްކަތާއި ގުޅޭގޮތުން ބަންޑާރަ ނައިބު އޮފީހުގައި ކުރި މަސައްކަތްތަކާއި އަދި އެކިއެކި ފަރާތްތަކުން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައިވާ އޮތް ބިލް އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް. އަޅުގަނޑެއް ޤަބޫލެއް ނުކުރަން ބިލު ނަގަން ޖެހޭ ކަމަކަށް،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

މި ބިލާ ގުޅޭގޮތުން މިހާތަނަށް ގިނަ ދިރާސާތަކެއް ކުރެވިފައިވާކަންވެސް ބަންޑާރަ ނައިބު އުޝާމް ފާހަގަކުރެއްވިއެވެ. އަދި މި ބިލުގެ ސަބަބުން މީޑިއާގެ ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން