ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ފަށަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވައި، އަމިއްލައަށް ފުދުންތެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި އެފަރާތްތަކަށް ޚާއްޞަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ފެށުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

މި ދާއިރާގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާއަށް ބޭނުންވާ ސަނަދު ނެތުން ކަމަށް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވުޒާރާގެ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ ފާތިމަތު ޝަމްމާ ޝަފީޤް ވިދާޅުވެފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ކެއަރ ސޮސައިޓީއާ ގުޅިގެން ޖޮބްއެޑިނެސް ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށާއި، މީގެ ދަށުން އޮފީސް މަސައްކަތުގެ ހުނަރުތައް ދަސްކޮށްދީ، އިންޓަރންޝިޕްގެ ފުރުޞަތުތައްވެސް ހޯދައިދެމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.

އަދި މީގެއިތުރުން، ޕޮލިޓެކްނިކްއާ ގުޅިގެން 5 ދާއިރާއަކުން އިތުރު ކޯސްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގެ ތެރޭގައި 4-6 މަހުގެ ސެޓްފިކެޓް 3 ފެންވަރުގެ ކޯސްތަކާއި، 1-2 މަހުގެ ކުރު މުއްދަތުގެ ކޯސްތައް ހިމެނޭއިރު، މި ކޯސްތަކަކީ 2024 ވަނަ އަހަރުގެ އިންޓޭކަށް ހުޅުވާލެވިފައިވާ ކޯސްތަކެކެވެ.

ސަރުކާރުން މިހާރު ގެންދަނީ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލައި، އެ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއި ބޭނުންތައް ދެނެގަތުމަށް ޑޭޓާބޭސްއެއް ތައްޔާރުކުރަމުންނެވެ. އަދި 2011 އިން ފެށިގެން ދެމުން އައި އެލަވަންސް 2023 ގައި 3000 ރުފިޔާއަށް އިތުރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

މި އައު އިސްނެގުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެފަރާތްތަކަށް މުޖުތަމަޢުގައި ހަރަކާތްތެރިވެ އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

މިއަދު އޮންލައިން