ފިރިމީހާއަކީ ތަނަވަސް މީހެކެވެ. އަޅުގަނޑު ވަޒީފާއަދައެއް ނުކުރަމެވެ. އެއީ ފިރިމީހާ ބޭނުންވި ގޮތެވެ. އެހެންވެ އިންނަނީ ގޭގައެވެ. އެއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 8 އަހަރެވެ. 6 އަހަރާއި 4 އަހަރުގެ 2 ދަރިން ވަނީ ލިބިފައެވެ. ދެމީހުންވެސް ދިރިއުޅެމުން ދިއައީ އުފަލުގައެވެ.
ކުއްލިއަކަށް ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަޅުގަނޑުގެ އިތުރުން ދަރިންނަށްވެސް ފަރުވާކުޑަކުރަން ފަށައިފިއެވެ. އެހިސާބުން ގޯހެއްވާކަން ވިސްނެން ފަށައިފިއެވެ. އެކަމަކުވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. ކެތްތެރިވެލީއެވެ. ކެތްތެރިވީ ކިހައިވަރަކަށްކަނމަށްތޯއެވެ؟ އެންމެ ކުޑަމިނުން ސުވާލެއްވެސް ކޮށްނުލަމެވެ.
އެކަމަކު ބުނަންހެއްޔެވެ؟ ޝަކުވާ ދަންނަވަން ޖެހޭ ފަރާތަށް އާދޭސް ދެންނެވުން ހުއްޓައެއް ނުލައެވެ. އަޅުކަންކުރުން ގިނަކުރީމެވެ. އަބަދުހެން ހުންނަނީ ޛިކުރުކުރުންމަތީގައެވެ. އެންމެ ފަހަރަކުވެސް ފިރިމިހާގެ ހިތުގައި އަޅުގަނޑުގެ މައްޗަށް ލޯބި ޖައްސަވައިދެއްވެވުމަކަށް ނުއެދެމެވެ. ތަކުރާރުކޮށްވެސް އެދެމުން ދިއައީ އަޅުގަނޑާއި 2 ދަރިން ނިކަމެތި ނުކުރެއްވެވުމަށެވެ.
ދުވަސްކޮޅަކުން ވަރިކޮށްފިއެވެ. ވަރިކޮށްފައި ބުނީ ޢިއްދަ ހަމަވަންދެން ގޭގައި އިނދެވޭނެ ކަމަށެވެ. އެހެން ބުނުމުން ފަހުން ދާނީ ކޮންތަނަކަށްތޯ ސުވާލުކޮށްލަން ހިތަށް އެރިއެވެ. އެއީ ގޮސްވަންނާނެ އެއްވެސް ތަނެއް ނެތުމުންނެވެ. އެކަމަކުވެސް ސުވާލެއް ނުކުރަމެވެ. ﷲ ތަޢާލާއަށް ވަކީލްކޮށްލީއެވެ.
ޢިއްދަހަމަވި ދުވަހުގެ ފަހު ދުވަހަކީ ހުކުރު ދުވަހެކެވެ. ޢަޞްރުކޮށްގެން ބޭރަށް ނުކުތްތަނުން ޑްރައިވަރު ބުނީ "މެޑަމް ގެންގޮސް މެޑަމް ބުނިތަނަކަށް ލައިދޭން ބޮސް ބުނި" ކަމަށެވެ. އަދި ބޭނުންނަމަ 2 ދަރިންވެސް ގެންދެވިދާނެކަމަށް ބުނިކަމަށެވެ.
އިތުރަކަށް ނުވެސް ވިސްނަމެވެ. ކޮޓަރިއަށް ވަދެ ޕެކްކޮށްލައިގެން ބޭރަށް ނުކުންނަނިކޮށް މީހަކު ދޮރުގެ ރަނގަބީލްޖެހުމުން ނޯކަރަކު ދޮރުހުޅުވިއިރު ދޮރުމަތީގައި ހުރީ ފިރިމީހާގެ އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހެކެވެ. އަޅުގަނޑުގެ ދަބަސްތައް ފެނުމުން "ޢިއްދަހަމަވީތޯ؟ ދަނީ ކޮންގެއަކަށްތޯ؟" ސުވާލުކުރުމުން ޢިއްދަ ހަމަވެގެން ގެއިން ނުކުންނަން އެންގީކަމަށާއި ދާނެ ގެއެއް ނެތްކަމަށް ބުނީމެވެ.
އެހެންބުނާއިރަށް ނޯކަރުން ގާތުގައި އޭނާ ބުނީ ދަބަސްތައް ގެންގޮސް އޭނާ އައި މިނިވޭންގެ ފަހަތަށް އެރުވުމަށެވެ. އަޅުގަނޑުގެ ގާތުގައި ބުނީ 2 ކުދިން ގޮވައިގެންގޮސް ވޭނަށް އެރުމަށެވެ.
ހެދޭނެ އެހެން ގޮތެއް ނެތުމުން ބުނި ގޮތަށް ވޭނަށް އެރީމައި ގެންދިއައީ ހުޅުމާލޭގައި ހުންނަ އޭނާގެ ގެއަކަށެވެ. އެގޭގައި އުޅެނީ ނޯކަރު އަންހެނަކާއި ފިރިހެނެކެވެ. ނޭޕާލް ދެމީހުންނެވެ. އެމީހުން އަޅުގަނޑާއި ސަލާންކޮށް މަރުޙަބާކިޔެވެ.
އެކުވެރިޔާ ދަމުން ބުނި ހަމައެކަނި ބަހަކީ "އެމީހުން ކޮޓަރި ދައްކާނެއެވެ. ގެއަކީ އަމިއްލަ ގެކަމަށް ބަލައިގެން އުޅޭށެވެ. ކަމަކަށް ބޭނުންވެއްޖިއްޔާ މެސެޖްކޮށްލާށެވެ! ވާހަކަ ދައްކަން ފަހުން އަންނާނަމެވެ." އެހެން ބުނެފައި ފޯނު ނަންބަރުދީފައި ދިއައީއެވެ.
އަޅުގަނޑު ހީކުރީ ކުދިންގެ ޙާލުބަލައިލަން ނަމަވެސް ކުދިންގެ ބައްޕަ ގުޅާނެ ކަމަށެވެ. މަސްދުވަސްވީއިރުވެސް ގުޅައިވެސް ނުލައެވެ. އަޅުގަނޑެއްވެސް ނުގުޅަމެވެ. އެކުވެރިޔާ ދޭތެރެއަކުން އައިސް އަޅުގަނޑާއި ދެކުދިންގެ ޙާލުގެ ވާހަކައިން ސުވާލުކުރެއެވެ. ކުދިން ސްކޫލަށް ގެންގޮސް ގެނެސްހަދަން ގަޑިއަށް ކާރުއާދޭތޯ ސުވާލުކުރެއެވެ.
އެއިރުވެސް އަޅުގަނޑު ކުރަމުން ގެންދިއައީ ހަމަ އެއް ދުޢާއެކެވެ. "ޔާ ﷲ! އަޅުގަނޑާއި 2 ދަރިން ނިކަމެތި ނުކުރައްވަވާނދޭވެ!" މިދުޢާއެވެ.
އެގޭގައި އިންނަތާ ދޮޅުމަސްވީތަނާ އެކުވެރިޔާ ފުރަތަމަ ފަހަރަށް ފޯނުކުރިއެވެ. ބުނީ ގާތުގައި ހުރެ އަހަން ލަދުގަންނާތީ ގުޅީ ކަމަށެވެ. ސުވާލަކީ "އޭނާއާއި ކައިވެނިކޮށްފާނަންހެއްޔެވެ؟" އިތުރަށް ވިސްނާކަށްވެސް ނުހަދަމެވެ. ވަޤުތުން އެއްބަސްވީމެވެ.
އެއީ އެކުވެރިޔާ ރީތިކަމަކުން ނޫނެވެ. އަދި ތަނަވަސްކަމަކުންވެސް ނޫނެވެ. ދިރިއުޅެވޭނެ އހެން ގޮތެއް ނެތީމައެވެ. ރީތިވެގެން ލޯބިވެގެން ކައިވެނިކުރި މީހާ ދިން ހަދިޔާއަށް ބަލައި އިތުރަށް އެކަންކަމަށް ވިސްނަންވެސް ބޭނުންނުވީއެވެ.
ކޮންމެއަކަސް ދެވަނަ ކައިވެންޏަށް މިހާރު 16 އަހަރުފުރިއްޖެއެވެ. ކައިވެނީގައި 4 ދަރިންވެސް ވަނީ ލިބިފައެވެ. ފުރަތަމަ ދުވަހެކޭ އެއްފަދައިން އަޅުގަނޑަކީ މިއަދުވެސް ހަމަ "ޕްރިންސަސް" އެއްގެ މަޤާމުގައި އިން އަންހެނަކީމެވެ.
ފުރަތަމަ ފިރިމީހާގެ ވާހަކަވެސް ބުނެލަންވާނެތާއެވެ! 4 އަންހެނުންނާއި ކައިވެނިކޮށްފިއެވެ. މިހާރުވެސް ހުރީ ހުހަށެވެ. އަޅުގަނޑުގެ ފިރިމީހާގެ މުވައްޒިފެކެވެ. މިވަރުން ފުއްދައިލާށެވެ!
އަޅުގަނޑުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ލިބުނު އުފާވެރިކަމަށް ފަޚުރުވެރިވާކަށް ނޫނެވެ. ދިރިއުޅުމުގައި ދިމާވާ މިފަދަ މައްސަލަތައް ދިމާވުމުން ރޮއިއާދޭސްކުރަން އޮތް ފަރާތުގައި ރޮއި އާދޭސްކުރުމުން ދެއްވަވާ އުފާވެރިކަން މާބޮޑުވާނެ ވާހަކަ ބުނެލުމަށެވެ.
- ނަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް