މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު 222 އިންސައްތަ އިތުރުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޖުލައިމަހު 65 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާއިރު، މިއަހަރުގެ ޖުލައި މަހު އެ އަދަދު ވަނީ 210 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރެވުނު މުދަލުގެ މިންވަރު ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު 945 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، 2024 ގެ މި މުއްދަތުގައި އެ އަދަދު ވަނީ 1.4 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ މަހުގެ ބާވަތްތަކުގެ މައްޗަށެވެ. ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައިވެސް ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި، މަހުން އުފައްދާފައިވާ ތަފާތު ބާވަތްތަކެވެ. މި ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށް (809.44 މިލިޔަން ރުފިޔާ) އަދި އިނގިރޭސިވިލާތަށް (252.46 މިލިޔަން ރުފިޔާ) އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުލައިމަހު ރާއްޖެއަށް 4.5 ބިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިން (712 މިލިޔަން ރުފިޔާ)، އިންޑިއާއިން (704 މިލިޔަން ރުފިޔާ)، އަދި ޔޫއޭއީން (622 މިލިޔަން ރުފިޔާ) އެވެ.
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހު 295 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އިމްޕޯޓު އެކްސްޕޯޓުން ދަޢުލަތަށް 364 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.