ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ރޭސިންއަށް ޚާއްޞަކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކުޅުދުއްފުށި ސިޓީގެ ބައެއް މަގުތައް ރޭސިންއަށް ޚާއްޞަކުރަނީ

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން އެ ސިޓީގެ ބައެއް މަގުތައް ރޭސިންއަށް ޚާއްޞަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މިއަހަރުގެ ބަޖެޓުގައި ހިމެނޭ ސްކޯޕާ އެއްގޮތަށް މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ކަމާބެހޭ ފަރާތާ ހަވާލުކުރެވިފައި ކަމަށެވެ.

މީގެއިތުރުން، ކުޅުދުއްފުށީގެ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. މިގޮތުން ކުޅުދުއްފުށި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫޢާއި، ފުޓުބޯޅަ އަދި ހޭންޑްބޯލް ކުޅެވޭނެ ޑުއަލް ދަނޑެއް ތަރައްގީކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ.

އަދި ސިންތެޓިކް ޓްރެކްގެ މަސައްކަތް ޑިސެންބަރު މަހު ފެއްޓެވުމަށް ހަމަޖެހިފައިވާ ކަމަށާއި، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޓޯނަމަންޓަށް އަމާޒުކޮށް ބީޗް ހޭންޑްބޯލް ސްޓޭޑިއަމެއް ގާއިމުކުރައްވާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ފުޅާވެ، ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން