އޭނާ ޢުމުރު ދުވަހު ކުރި މަސައްކަތުން އެޅިގެ ކުއްޔަށް ދީފައި ހުންނަނީ މަހަކު 20،000 ރުފިޔާއަށެވެ. ކުލި ނުދައްކާތާ 2 މަސްވުމުން ކޮންމެ މަހަކުވެސް އެގެއަށް ދިއުމުން ބައްދަލުވަނީ އަންހެނަކާއިއެވެ. އޭނާ ބުނަނީ ފިރިމީހާ ލާރި ހޯދަން ވަރަށް ބޮޑަށް އެބަ މަސައްކަތްކުރާ ކަމަށާއި ނަމަވެސް އަދި ނުލިބިގެން އުޅެނީކަމަށެވެ. ލާރިލިބުމުން ކުލި ދައްކާނެ ކަމަށެވެ.
ކުލި ނުލިބޭތާ 6 ވަނަ މަހު ދިއައީ އެދުވަހު ފައިސާ ނުލިބުނުނަމަ ވަޤުތުން ގެހުސްކުރަން ވިސްނައިގެންނެވެ. ގޮސް ރަނގަބީލު ޖެހުމުން ދޮރު ހުޅުވީ އިރުކޮޅަކުންނެވެ. ގެއަށް ވަދެ ކުލި ދެއްކެން ނެތްނަމަ ވަޤުތުން ގެހުސްކުރަން ބުނުމުން މަޑުކޮށްލަން ބުނެފައި އަންހެން މީހާ ކޮޓަރިއަށް ވަދެފައި ނުކުތީ 2 ޕީސްގައެވެ. މަތިން ތުނި ފޮތިކޮޅެއް އޮޅާލައިގެންނެވެ.
ނުކުމެ ކޮފީތައްޓެއް ގެނެސްދީފައި ވަރަށް ޢާދޭހާއިއެކު ބުނީ އަދި ވަޤުތުކޮޅެއް ދިނުމަށެވެ. އަންނަމަހު ހުރިހާ ފައިސާއެއް ދައްކާނެ ކަމަށެވެ. ފިރިމީހާވީ މަސައްކަތެއްގައި ރަށުން ބޭރުގައި ކަމަށާއި ހެއިން ނެރެލައިފިނަމަ މަގުމަތިވެ ވަރަށް ނިކަމެތި ޙާލުގައި ޖެހޭނެ ކަމަށެވެ.
ވާހަކަ ދެއްކުމުގެ ތެރެއިން ސޯފާގައި އިން ގޭގެ ވެރިމީހާއާއި ގާތްވެ ގައިގައި އުނގުޅެން ފެށިއެވެ. ނަތީޖާއަކަށްވީ އެކުގައި ކޮޓަރިއަށް ވަންނަން ޖެހުމެވެ. އިރުކޮޅެއްފަހުން ނުކުމެގެން ދިއަތަނާ ފޯނަށް ލިބުނީ ވީޑިއޯ މެސެޖެކެވެ. ދެމީހުން އެކުގައި ކުރި ކަންތަކުން ކުޑަ ތަންކޮޅެކެވެ. ދެން އިނީ ކުރުކުރު މެސެޖެކެވެ. "ކުރިއަށް އޮތް 6 މަސްދުވަހަށްވެސް ކުލި ދެއްކިއްޖެކަމަށް ހީކުރަމެވެ. ކުލި ހޯދަން ދެން ނުއަންނާށެވެ! ނަތީޖާ ރަނގަޅެއް ނުވާނެއެވެ."
އެހިސާބުން މިކުރެވުނު ކަންތަކުގެ ނަތީޖާ ވިސްނުނެވެ. ރުޅިގަދަވިއެވެ. ނަމަވެސް ފިޔަވަޅެއް އަޅައިފިނަމަ އަނބިދަރިންގެ ކުރިމަތީގައި ފަޟީޙަތްވާނެ މިންވަރު ހިތަށް އަރުވައިލާފައި ޖެހުނީ ކެތްތެރިވެގެން ހުންނާށެވެ. އަންހެން މީހާ ބުނި ގޮތަށް 6 މަސް ދުވަސްފަހުން ގެއިން ނުކުންނަންދެންނެވެ. 1 އަހަރު ދުވަހުގެ ކުލި، 240،000 ގެއްލިގެންދިއައީއެވެ.
އޭނާގެ ނަޞީބު ރަނގަޅުކަމުން އެއިގެ 6 މަސްފަހުން ގެހުސްކޮށް ޙަވާލުކުރިއެވެ. ހުސްނުކޮށް އިތުރަށް ތިބިނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން ގެހުސްކުރީތީ އުފާކުރިއެވެ. ދެން ދުވަހަކުވެސް އެފަދަ ކުށެއް ނުކުރަން ޢަޒުމް ކަނޑައެޅިއެވެ.
މިހުންނަނީ މިއަދު ހިނގަމުންދާ ކަންކަމެވެ. ވިސްނައި ހޭލުންތެރިވުމަށް ބުނެލުމުގެ ގޮތުން މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް