އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
އެމްޔޫ މަނިކު އަވަހާރަވުމާއި ގުޅިގެން ނައިބު ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކޮށް، އެ ސިނާއަތު ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލް މަރުޙޫމް މުޙައްމަދު އުމަރު މަނިކު، ސިންގަޕޫރުގައި އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވެފައިވަނީ، "ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކޮށް ގިނަގުނަ ކުރިއެރުންތައް ގެނެސްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާ އެކު" ކަމަށެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، މަރުޙޫމުގެ ލޮބުވެތި ޢާއިލާއަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މާތްﷲ މަރުޙޫމުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ދުޢާވެސް ދަންނަވާފައިވެއެވެ.

އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އިސް ބިންގަލެއް އެޅުއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ.

އެމްޔޫ މަނިކު އަވަހާރަވެފައިވަނީ ސިއްޙީ ޙާލުކޮޅު ދެރަވެ، ފަރުވާ ދެމުންދަނިކޮށް ސިންގަޕޫރުގައި، ރޭގެ ވަގުތެއްގައެވެ.

މިއަދު އޮންލައިން