ޗައިނާއިން ރައީސް ޑރ.މުޢިއްޒު ހޫނު މަރުޙަބާއެއް ދަންނަވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޗައިނާއިން ރައީސް ޑރ.މުޢިއްޒު ހޫނު މަރުޙަބާއެއް ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމުން، އެޤައުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެޤައުމަށް ވަޑައިގެންފައެވެ.

ބެއިޖިންގ ކެޕިޓަލް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް އޮނަރގާޑެއް އަރުވައި، ސަޤާފީ ޙަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެއަރޕޯޓުގައި ރައީސް މުޢިއްޒަށް މަރުޙަބާ ދެންނެވީ ޗައިނާގެ މިނިސްޓަރ އޮފް އެމަރޖެންސީ މެނޭޖްމަންޓް ވާންގ ޒިޔާންގޒީ އެވެ.

މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ.ފަޒީލް ނަޖީބް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝަންގހުވާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި އެހެނިހެން ޤައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި އެސް.ސީ.އޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެސް.ސީ.އޯ ޕްލަސް ބައްދަލުވުމުގައި ރައީސް މުޢިއްޒު އިއްވަވާ ބަޔާނުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިޤްތިޞާދުތައް ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން