ސަރުކާރުން އިފްތިތާޙުކުރި "5 މިލިޔަން ގަސްއިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، 658،294 އަށްވުރެ ގިނަ ގަސް މިހާތަނަށް އިންދާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމްގެ ގޮތުގައި ފާހަގަކުރެވޭ މި ޕްރޮގްރާމަކީ، އަމާޒުކުރެވިފައިވާ 5 މިލިޔަން ގަހަށްވުރެ އިތުރަށް، 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކަނޑައަޅާފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ކޮޕް28" ގައި އިޢުލާންކުރެއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމެވެ.
ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް 5 އަހަރު ތެރޭގައި މި ޕްރޮގްރާމް ފުރިހަމަކުރެއްވުމަށް އަމާޒު ހިއްޕަވާފައެވެ.
މިފަދަ ޕްރޮގްރާމްތަކަކީ ރާއްޖޭގެ ތިމާވެށީގެ ދިރުންތައް ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.