ސިނަމާލެ ބްރިޖް މަޝްރޫޢުއަކީ ރާއްޖެ ކުރިއަރައި ދިއުމުގައި ހުޅުވުނު ވަރަށް މުހިންމު ދޮރޯއްޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވެއްޖެއެވެ.
މިއީ ސިނަމާލެ ބްރިޖް ހުޅުވި ތާ 7 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސް ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ކަމެކެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުއަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރާއި ދެ ޤައުމުގެ ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެކެވެ. އަދި މިއީ ރާއްޖޭގެ ތަރައްޤީގެ ޙަޤީގީ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އޮތްކަން ދައްކުވައިދޭ ރަމްޒެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަސައްކަތަކީ ދެ ޤައުމުގެ އެކުވެރިކަމާއި ގުޅުމާއި، އެއްގައުމުން އަނެއް ޤައުމަށް އޮތް އިތުބާރު ފުރިހަމައަށް ދައްކުވައިދޭ މަސައްކަތެއް" ކަމަށް ރައީސް ވިދާޅުވިއެވެ.
ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ތަރައްޤީކުރި ސިނަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް ނިންމާލެވިފައިވަނީ 3 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައެވެ.
މި ބްރިޖަކީ މާލެއާއި ހުޅުލެ އެއަރޕޯޓް ގުޅުވައިދޭ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދިން އެންމެ މުހިންމު އެއް މަޝްރޫޢު ކަމުގައި ބެލެވެއެވެ. މި ބްރިޖުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.