އެމްޔޫމަނިކަކީ ދީނީ އިޖްތިމާޢީ ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިގޮތުން އެމަނިކުފާނަކީ މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަން ދެއްވުމުގައި ޚާއްސަ އިސްކަމެއް ދެއްވި ބޭފުޅެއްކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
"އެމަނިކުފާނު އަވަހާރަވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީ އަށް ފޮނުއްވާފައިވޭ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުން ކަމަށާއި، މިކަމަށްޓަކައި ސިޓީ ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއްކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަޖައްސަވައި ދެއްވުމަށް އެދިލައްވާފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މިކަމާ ގުޅިގެން މިހާރު ވަނީ ހުޅުމާލެ ސަރަހައްދުގައި މިސްކިތް އިމާރާތްކުރުމަށް ޖާގައެއް ހަމަޖައްސާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މާތްﷲ އެމަނިކުފާނަށް ސުވަރުގޭގެ ގަނޑުވަރެއް ބިނާކޮށްދެއްވުމަށް އެދި ޑރ. ޝަހީމް ވަނީ ދުޢާ ކުރައްވާފައެވެ.