މިއަދު ފާހަގަކުރެވޭ އިންޖިނިޔަރުންގެ ދުވަހާ ގުޅިގެން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ، އެ ކުންފުނީގެ އިންޖިނިޔަރުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފިއެވެ.
މިމިނާސަބަތާގުޅިގެން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ހީވާގި އިންޖިނިޔަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ޚާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނިޔަރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖީނިއަރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.
އިތުރަށް ފަހުމީ ފާހަގަކުރެއްވި ގޮތުގައި އެކި ދާއިރާތަކުގެ އިންޖިނިޔަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު ރައްޔިތުންނަށް ލިބިފައިވާ ފަސޭހަ ދިރިއުޅުމެއް ލިބިގެން ނުދާނެކަން ކަށަވަރެވެ.
ސްޓެލްކޯއިން ދިވެހިރާއްޖޭގެ ގިނަ ސަރަހައްދުތަކަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން ދާއިރު، މި ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކުންފުނީގެ އިންޖިނިޔަރުން ދުވާލަކު 24 ގަޑިއިރު މަސައްކަތް ކުރަމުން ގެންދެއެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ.