ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން މެނުވީ ކުރެވޭނެކަމެއް ނޫން: ވަޒީރު ޢަލީ އިޙްސާން

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 1ސ
ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން މެނުވީ ކުރެވޭނެކަމެއް ނޫން: ވަޒީރު ޢަލީ އިޙްސާން

ފުލުހުންގެ ޚިދުމަތަކީ ހިތްވަރާއި ކެރުމާއި، ޤައުމަށް ލޯތްބެއް އޮވެގެން އަދި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އާދަޔާ ޚިލާފު ވިސްނުމެއް ހުރެގެން މެނުވީ ކުރެވޭނެކަމެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

40 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު އިޙްސާން ވަނީ ތަމްރީން ފުރިހަމަކޮށް ނިކުތް ހުރިހައި ފުލުހުންނަށް މަރުހަބާ ދަންނަވާފައެވެ.

"ދިވެހި ފުލުހުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަނގަޅު ގޮތުގައި ބޮޑު ބިޔަ ޕްރޮޖެކްޓެއް މިވަގުތު ރާއްޖޭގައި ހިނގަމުން އެބަދޭ. 100 އަށްވުރެ ގިނަ ރަށަށް ކޮމިޓްމަންޓްދެވި ޕްރޮޖެކްޓްގެ މަސައްކަތްތައް އެކި ހިސާބުތަކުގައި މިވަނީ," ވަޒީރު އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވަނީ ދިވެހި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން އެންމެ އެދެވޭ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފިޒިކަލީ ޤާއިމުކުރެވި، އެ ޚިދުމަތް ފުރިހަމައަށް ފޯރުކޮށްދެވޭނެ ގޮތަށް ކުރިއަށްދާ ޕްރޮޖެކްޓަކީ މީގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.

ދ. ވާނީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ. 

މި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ 

ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް މުޙައްމަދު އަރުޝަދުއެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ކޯހުން ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ސާޖަންޓް އަޙްމަދު ޝިބަމްއެވެ. ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ. 

އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދުއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދުއެވެ.

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސްކޮޑްތަކުން އެންމެ މޮޅު ދަރިވަރުން ހޮވާފައިވެއެވެ. އެގޮތުން އައިނެއްލާ ސްކޮޑުން އެންމެ މޮޅު ދަރިވަރަށް ހޮވުނީ ސާޖަންޓް އާދަމް ނަސީމްއެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒް ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދުއެވެ. ބީފާން ސްކޮޑުން އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓަބަލް އަޙްމަދު އަތޫފް މުޙައްމަދު ޚާލިދު ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އަޙްމަދު ސަފާޙްއެވެ. ތިންވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް މޫސާ ނަޒީރުއެވެ.

ހާޖީ ސްކޮޑުން އެއް ވަނަ ދަރިވަރަކަށް ސާޖަންޓް މުޙައްމަދު އަރުޝަދު ހޮވުނުއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން ޢަލީއެވެ. ތިން ވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް އިބްރާހީމް ފައުޒާން ފަހުމީއެވެ. ރަންވިއްކާ ސްކޮޑުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ޙަސަން ނަބްޙާންއެވެ. ދެވަނަ ދަރިވަރަކަށް ކޮންސްޓަބަލް މައުއޫޒް ފަޔާޒް ހޮވުނުއިރު ތިން ވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް ޚަދީޖާ ޒަކީއެވެ. 

އެންމެ މޮޅު ސްކޮޑަކަށް ހޮވިފައިވަނީ އައިނެއްލާ ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. 

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. 

40 ވަނަ އަސާސީ ތަމްރީނު ކޯހުގައި 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުންނާއެކު ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވެއެވެ. އަދި 116 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވެއެވެ. 

މިއަދު އޮންލައިން