ތަނަވަސް ޢާއިލާއެއްގެ ޒުވާނަކު ލޯބިވާކަމަށްބުނެ ނިކަމެތި އަންހެން ކުއްޖަކާއި ގުޅިގެން އުޅުމުގެ ތެރޭގައި ހިންގުޅުމުގެ ސަބަބުން އަންހެންކުއްޖާ ބަލިވެއިންކަން އެނގުނު ހިސާބުން ގުޅުން ކަނޑާލައި ޚަބަރުވެސް ބަލައިނުލައެވެ.
އަންހެން ކުއްޖާވެސް އޭނާ ހޯދައި ބައްދަލުކުރާކަށް ނުއުޅެއެވެ. ކުރެވުނު ފާފަތަކަށް ތައުބާވެ ހެޔޮލަފާ އަންހެނެއްގެ ގޮތުގައި އިނދެ ދަރިފުޅު ވިހެއީއެވެ. ވައިހައި ގަދަވެ މަސްވުމުން ދަރިފޫލު ގޮވައިގެން ލޯބިވެރިޔާގެ ގެއަށްގޮސް މައިންބަފައިންނާއި ބައްދަލުކޮށްފައި ބުންޏެވެ. "އަޅުގަނޑަކީ ވަރަށް ނިކަމެތި އަންހެނަކީމެވެ. ނަމަވެސް މިއައީ ފައިސާ ހޯދަން ސަލާންޖަހާކަށް ނޫނެވެ. ތިއައީ މިދަރިފުޅުގެ މާމަ އާއި ކާފަވީމާ ދަރިފުޅު ދައްކައިލާށެވެ. އަހުރެން ދައްކާ ވާހަކަ ޤަބޫލުކުރާނެ ކަމެއް ނެތެވެ. ޑީއެންއޭ ހަދައި ޔަޤީންކޮށްލާށެވެ!"
ތަނަވސް ދެމަފިރިންނަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. އެމީހުންގެ 2 ފިރިހެންދަރިން ތިބޭތީ ތިއައީ ކޮން ދަރިފުޅެއްގެ ކުއްޖެއްތޯ ސުވާލުކުރުމުން ބުނީ 23 އަހަރުގެ ދަރިފުޅުގެ ދަރިއެއް ކަމަށެވެ. އޭނާ އަހުރެންގެ ގާތުގައި ބުނީ އޭނާއަށް ކިޔަނީ ރަޒީން ކަމަށެވެ. ނަމަވެސް އެއީ އަޞްލުނަންކަން ޔަޤީނެއް ނޫނެވެ.
އެވަޤުތު ދަރިފުޅު އައިސް ގެއަށް ވަންތަނުން ލޯބިވެރިޔާއާއި ދަރިފުޅު ފެނުމުން ދިއައީ ސިއްސައިގެންނެވެ. ވާހަކަ ދައްކަން އުޅެއުޅެ ވާހަކައެއް ނުދެއްކުނެވެ. މަންމަ ބުންޏެވެ. "ކުށް ކުރެވޭނީ އިންސާނުންނަށެވެ. ތައުބާވާށެވެ. ތިއައުޅެވޭ އާވާރާ ދިރިއުޅުން އުޅުން ހުއްޓައިލާށެވެ. މިއީ އަހުރެމެންގެ އެންމެ ފުރަތަމަ ކާފަ މާމަ ދަރިފުޅެވެ. މިދަރިފުޅު މިގެއަކުން ނުނެރޭނަމެވެ. ދަރިފުޅު އެކަން ޤަބޫލުނުކުރާނަމަ ބޭނުން ގޮތަކަށް ޢަމަލުކުރާށެވެ. މަންމަމެން އެދެނީ ދެކުދިން ޞުލްޙަވެ ކައިވެނިކޮށް ރިވެތި ގޮތުގައި އުޅުމެވެ. އެކަމަކު މަޖުބޫރެއް ނުކުރަމެވެ."
އެހިސާބުން ރަޒީން އަމާންދިނެވެ. ލޯބިވެރިޔާއާއި ކައިވެނިކުރިއެވެ. އަދި ރަނގަޅު ގޮތުގައި ދިރިއުޅެން ފެށިއެވެ.
މިވާހަަކ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ނިކަމެތި އަންހެނުންނަށް ލަނޑުދެމުން ހިނގާ ޒުވާނުންގެ ކިބައިން މިފަދަ ގޮތްގޮތަށް އަނިޔާ ލިބިއްޖެނަމަ އެއަންހެން ކުއްޖާ ކަންތައް އެކުރި ގޮތަށް ކަންތައް ކުރަން ހިތްވަރުދިނުމަށެވެ. އެއިރުން މިޙާދިސާގައި ލިބުނު ފަދަ ކާމިޔާބެއް ނުލިބުނަސް ކޮންމެވެސް ފައިދާތަކެއް ކުރާނެއެވެ. އިން ޝާ ﷲ
- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް