ދުނިޔަވީ ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީވެސް ފިލާވަޅެކެވެ. އެހެނަސް ކޮންމެ ފިލާވަޅެއް އެއީ އެންމެނަށް އެނގިގެން ލިބޭ ފިލާވަޅަކަށް ނުވެއެވެ. އަހަރެމެންގެ ހަޔާތާއިމެދު ކުޑަކޮށް ވިސްނާލަމާހެއްޔެވެ! އެންމެންވެސް ފެންނަނީ ވަރަށް އުފާވެރިކޮށެވެ. ބޮޑު ހިތާމައެއް ކުރިމަތި ނުވާހާ ހިނދެއްގައި ގިސްލާ ރޮއި ހަދާ މީހަކު ނުވެސް ފެނެއެވެ. އުފަލެއް ލިބިއްޖެނަމަ ހުރިހާ އެކުވެރިންނަށް އެކަން ހިއްސާކުރެއެވެ. އެކަންކަން ފާހަގަކޮށް ކޭކް ފަޅާ ހަދައެވެ. އެކަކަށް ލިބޭ އުފަލަކީ އަނެކާގެވެސް އުފަލެއް ކަމުގައި ދެކިގެންނެވެ.
ނަމަވެސް ވިސްނާލަމާހެއްޔެވެ! ކޮންމެ މީހަކުވެސް މޮޅީ އުފާ ހިއްސާ ކުރާށެވެ. ކާމިޔާބީ ހިއްސާކުރާށެވެ. ހީ ސަމާސާކުރާށެވެ. ސަކަރާތްޖަހާ މައްލަވަކުރާށެވެ. ލޯ ކުރިމައްޗަށް ފެންނަ ފަރުދާގެ ފުރަގަސް އެނގޭނީ ކާކަށް ހެއްޔެވެ؟ އެ ފަރުދާގެ ފުރަގަހުގައި ހިނގަނީ ކޮންފަދަ ކަމެއްކަން އެނގޭނީ ކާކަށް ހެއްޔެވެ! އެ ފަރުދާގެ ފުރަގަހުގައިވާ ވާހަކަ ހޯދާނީވެސް ވަކި ކިހިނަކުން ހެއްޔެވެ!
އުފާ ހިއްސާ ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އުފާވެރިކަން ދެއްކުމަކީ އަދި މާ ފަސޭހަކަމެކެވެ. އެކަމަކު ހިތުގެ އެތެރޭގައި ތަހައްމަލު ކުރަމުންދާ ވޭންތައް އެނގޭނީ ކިތައް މީހުންނަށް ހެއްޔެވެ؟
އެކުވެރިޔާއެވެ. އަހަންނަށް މުހިންމީ ތިޔަ ކޮށްފައި ހުރި މޭކްއަޕެއް ނޫނެވެ. ތިޔަ މޭކަޕުން ތިޔަ ފޮރުވާ ވާހަކަތަކެވެ. އެ ވާހަކަތައް އަހަންނަށް މާ މުހިންމެވެ. ތިޔަ ކިޔާދޭ ޖޯކްތަކެއްވެސް އަހަންނަކަށް މުހިންމެއް ނޫނެވެ. އަހަންނަށް މުހިންމީ ތިޔަ ޖޯކްތަކުން ފޮރުވަން ތިޔަ އުޅޭ އަސްލު މަންޒަރެވެ. ތިޔަ ޖަހާލާ ލާނެތް ހިނިގަނޑު އިވުމުން އަހަރެންގެ ހިތް ފުރެއެވެ. ނަމަވެސް އަހަންނަށް އެ ހިނިގަނޑަށްވުރެ އެކުވެރިޔާ މާ މުހިންމެވެ. މިހާރަކަށް އައިސް އަހަންނަށް މި ވަނީ ދިރިއުޅުމުގެ އެންމެ ބޮޑު ފިލާވަޅުތަކުގެ ތެރެއިން އެއް ފިލާވަޅު ލިބިފައެވެ.
މީގެ މަދު މަސްތަކެއް ކުރިން، އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނާ ގުޅައިފިއެވެ. އޭނާ ހިއްސާކުރީ އޭނާގެ ހިތްދަތިކަން، ނަފްސާނީ ބަލިކަން އަދި އެތައް ދުވަހު ހިމޭނުން ތަހައްމަލު ކުރަމުންދިޔަ ހިތާމަތަކުގެ ވާހަކައެވެ. އެ ވަގުތު، އަޑުއަހަން ރަނގަޅަށް ސަމާލުވުމުގެ ބަދަލުގައި، އަހަރެން އޭނާގެ އިހުސާސްތަކަށް ބީރުކަންފަތެއް ދިނީމެވެ. އަހަރެން ހީކުރީ އޭނާ ދައްކަނީ ބޮޑުކަމެއް ނޫންކަމަށެވެ. ނުވަތަ އޭނާއަށް އެކަނިވެސް އެކަންކަމުން އަރައިގަނެވޭނެ ކަމަށެވެ.
ދުވަސްތައް ފާއިތުވެގެން ދިޔައިރު، އޭނާ އިތުރަށް ހިމޭންވަމުން ދިޔައެވެ. ކުރިން އުފަލުން ހުރެ ހިނިތުންވާ އޭނާގެ ހިނިތުންވުން މަޑުމަޑުން ފަނޑުވެ، ހިމޭންކަމަށް ބަދަލުވެއްޖެއެވެ. އަހަރެންނަށް މި ބަދަލު ފާހަގަވިއެވެ، ނަމަވެސް އަދިވެސް އަހަރެން އޭނާގެ ވޭނަށް ސީރިއަސްކަމެއް ނުދެމެވެ. އޭނާ އަހަރެންނާ ދުރުވާން ފެށުމުން، އަހަރެން ހީކުރީ އޭނާއަށް ކޮންމެވެސް ވަރެއްގެ ފުރުސަތެއް ބޭނުންވަނީ ކަމަށެވެ. މިއީ އަހަރެންގެ އެކުވެރިޔާއަށް ދެވުނު އަނިޔާއެއްކަން އަހަންނަށް ނުވިސްނުނެވެ.
އެގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް، އަހަރެން އެންމެ ބިރުގަތް ދުވަސް އަތުވެއްޖެއެވެ. އޭނާ މުޅިން ބަދަލުވެއްޖެއެވެ. ކުރިން އަހަރެންނާއެކު ހީސަމާސާކޮށް އުފާކުރި އެކުވެރިޔާއަށް، އިތުރަށް އޭނާގެ ކަރުނަތައް ފޮރުވޭނެ ގޮތެއް ނުވިއެވެ. އޭނާ ބުނީ، އޭނާއަށް އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ކިބައިންވެސް ލިބޭ އޯގާތެރިކަން އިހުސާސް ނުވާ ކަމަށެވެ. އޭނާގެ އެ ބަސްތައް އަހަރެންގެ ހިތަށް ހީވީ ވަޅިއަކުން ކަނޑާލިފަދައިންނެވެ. އަހަންނަށް ވިސްނުނެވެ. ނަމަވެސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. އޭނާ އަހަރެން އެންމެ ބޭނުންވި ވަގުތުގައި އަހަރެން އޭނާއަށް އެހީއެއް ނުވެވުނުކަމެވެ.
އަހަރެން އޭނާގެ އިހުސާސްތަކަށް ބީރުކަންފަތެއް ދިނުމުގެ ސަބަބުން، އަހަރެމެންގެ އެކުވެރިކަން ވަރަށް ބޮޑަށް ނިކަމެތިވެގެން ދިޔައެވެ. އޭނާއަށް އަހަރެންނަށް ކުރި އިތުބާރު ގެއްލި، އަހަރެންނަށް އޭނާގެ ސަލާމަތްކުރާ މީހަކަށް ވުމުގެ ފުރުސަތު ގެއްލުނެވެ. އޭނާގެ ހަދާންތައް ހިތާމަވެރި ހަނދާނަކަށް ބަދަލުވެގެން ދިޔައެވެ. މި ދުނިޔެ ދޫކޮށް އަހަރެންގެ އެކުވެރިޔާ އަމިއްލައަށް މަރުވީއެވެ.
މި ތަޖުރިބާއިން އަހަންނަށް ދުވަހަކުވެސް ހަނދާންނައްތާނުލެވޭނެ ފިލާވަޅެއް ލިބުނެވެ: އެކަކު އޭނާގެ ހިތްދަތިކަން ހިއްސާކުރާ ހިނދު، ހިމޭންކަން ނުވަތަ އެކަމަށް ސަމާލުކަން ނުދިނުމަކީ އެމީހާގެ ހިތް މަރާލާ ކަމެކެވެ. ނަމަވެސް ހަމަ އެކަނި އަޑުއަހާލުމުންވެސް އެމީހާ ސަލާމަތްވެދާން އޮތްވާ މީހަކު މަރުވާން ފުރުސަތު މަގުހުޅުވާލެވުނީއެވެ.
މިއީ ހަމައެކަނި އަހަރެންގެ ގާތް އެކުވެރިޔާގެ ވާހަކައެއް ނޫނެވެ . މިއީ އަހަރެމެން އެންމެންނާވެސް ގުޅިފައިވާ ކަމެކެވެ. ހިތްދަތިކަމާއި ނަފްސާނީ ބަލިކަމަކީ ހަގީގީ ދިމާވާ ކަންކަމެވެ. އަދި އެކުވެރިއަކު އެފަދަ ވާހަކައެއް ހިއްސާކުރާނަމަ، އެއީ އެހީއަކަށް އެދި ގޮވާ ގޮވުމެކެވެ.
އެކުވެރިޔާއެވެ. ތިޔަ ކަންކަން ހިއްސާނުކޮށް ހިތު ތެރޭގައި ފޮރުވައިގެން ނުހުންނާށެވެ. ދާއިމީ ބައްޔަކަށްވެ އަހަންނަށް އެކުވެރިޔާ ގެއްލޭކަށެއް ބޭނުމެއް ނޫނެވެ. އެކުވެރިޔާއެވެ. ލަދު ނުގަންނާށެވެ. ދެރަ ނުވާށެވެ. އެކުވެރިޔާގެ ވާހަކަތައް ހިއްސާކުރާށެވެ. އަޑު އަހާނަމެވެ. އެހީތެރިވާނަމެވެ. އަބަދުވެސް އެކުގައި ހުންނާނަމެވެ. އަހަރެމެންގެ ތެރެއިން އެކަކު އަނެކަކަށް ދޭ އޯގާތެރިކަމަކީ ދިރިއުޅުމަށް ދެވޭ އުންމީދެކެވެ.