މިފްކޯގެ "ރަނދި 19" ބޯޓު ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިފްކޯގެ "ރަނދި 19" ބޯޓު ފުވައްމުލައް ސިޓީ ބަނދަރުން މަސްގަންނަން ފަށައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލައް ސިޓީ ބަނދަރުން މަސްގަތުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން 36 މެޓްރިކް ޓަނުގެ މަސް ކިރުވޭ ޖާގައިގެ "ރަނދި 19" ބޯޓު މިހާރުވަނީ އެ ސިޓީގެ ބަނދަރަށް ގެންގޮސްފައެވެ.

މިފްކޯގެ ސީއީއޯ އިން ކުރިން ވިދާޅުވެފައިވާ ގޮތުގައި އޮގަސްޓް މަސް ނިމުމުގެ ކުރިން ފުވައްމުލަކުން މަސްގަތުމުގެ މަސައްކަތް ފެށޭނެއެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު "ރަނދި 19" ބޯޓު އެ ސިޓީގެ ބަނދަރަށް ގެންގޮސް މަސްގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ފުވައްމުލައް ހިމެނޭ ސަރަހައްދަކީ ކަންނެލީގެ މަސްވެރިކަން ރަނގަޅު ސަރަހައްދެއްކަމަށް ފާހަގަކުރެވޭއިރު، މި އޮޕަރޭޝަނާއެކު މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުވެގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ސަރަހައްދުގެ މަސްވެރިންނަށް ލުއިފަސޭހަކަމާއެކު މެދުނުކެނޑި މަސްކިރުވުމުގެ އިންތިޒާމު "ރަނދި 19" ބޯޓު މެދުވެރިކޮށް ދާއިމީކޮށް ހަމަޖެހިގެންދާނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

މީގެއިތުރުން، ފުވައްމުލަކުގައި މަސްވެރިކަން ކުރިއެރުވުމަށްޓަކައި މަސް ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމްކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ. މި ފެސިލިޓީ މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށާއި، އޭގެ ސަބަބުން ރައްކާތެރިކަމާއެކު ބަންދުކުރެވިފައިވާ މަހުގެ އުފެއްދުންތައް ފޯރުކޮށްދެވޭނެކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް މިފްކޯއިން ދަނީ އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ފެލިވަރު ކޭނަރީގެ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ފަށާފައިވާއިރު، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސް ގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ރޭވިފައެވެ. އަދި އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މި އަހަރުތެރޭ ފެށުމަށް ވަނީ ރޭވިފައެވެ.

މިއަދު އޮންލައިން