ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްޞަދުގައި ސަރުކާރުން މުޅިން އަލަށް 6 ސަރަހައްދެއްގައި ވަދު ކަނދުފަތި އަޅައިފިއެވެ. މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 10 ކަނދުފަތި ވަނީ އަޅާފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލަށް ވަދު ކަނދުފަތި އަޅާފައިވަނީ ފުވައްމުލަކު ސިޓީގެ އިރުން 10 މޭލު ބޭރުގައްޔާއި، ގއ. ދިގުދޫގެ އިރުން 5 މޭލު ބޭރުގައްޔާއި، ގއ. ފުޅަނގީގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައްޔާއި، ގއ. މެލައިމުގުގެ ހުޅަނގުން 5 މޭލު ބޭރުގައްޔާއި، ދ. މާފުށީގެ ހުޅަނގު ދެކުނުން 6 މޭލު ބޭރުގައްޔާއި، މ. ދިއްތުޑީގެ އިރު ދެކުނުން 7 މޭލު ބޭރުގައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، "ރަށްރަށުގެ ޒުވާނުންނާއި، އަދި ސީދާ ކައުންސިލްތަކުންވެސް އެރަށްރަށުގައި ވަދު ކަނދުފަތިތައް އަޅައިދިނުމަށް އެދެމުންދެއެވެ. އަދި، ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދަނީއެވެ."
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ތެރެއިން ޚާއްޞަ އިސްކަމެއް ދެވިގެން ކުރިއަށްގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުތަކުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމެވެ.
މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާފައިވާ 10 ކަނދުފަތީގެ ތެރޭގައި ހިމެނެނީ މި 6 އައު ކަނދުފައްޗާއި، ކުރިން އަޅާފައިވާ ކަނދުފަތިތައް ކަނޑައިގެން ދިއުމުގެ ސަބަބުން 4 ސަރަހައްދެއްގައި އަލުން އަޅާފައިވާ ކަނދުފަތިތަކެވެ.