އަޅުގަނޑަކީވެސް ވަރަށް ޅަޢުމުރުގައި ލޯބިވެވުނު މީހަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އައި އަންހެނަކީމެވެ. ފުރަތަމަ ދެމީހުންވެސް ވަޒީފާ އަދާކުރީއެވެ. ވަޒީފާއަދާކުރަމުންގޮސް ފައިސާކޮޅެއް ޖަމާކުރެވުނީމާ ދެމީހުންގެ ނަމުގައި ކުޑަކުޑަ ވިޔަފާރިއެއް ފެށީއެވެ.
އެވިޔަފާރި ކުރިއަރަން ފެށުމުން އިތުރު ކެޕިޓަލް ހޯދުމުގެ ބޭނުމުގައި އަޅުގަނޑަށް މައިންބަފައިންގެ ކިބައިން ވާރުތަވެފައިއޮތް ބިންކޮޅެއް މޯގޭޖްކޮށް ލޯނުވެސް ނެގީމެވެ. ވިޔަފާރި ކުރިއަރައި މަހަކު ހުރިހާ ޚަރަދެއް ކަނޑާފައި ލައްކައެއްހައި ރުފިޔާގެ ފައިދާއެއް ލިބެންފެށިތަނުން ފިރިމީހާ އަޅުގަނޑު ވަރިކޮށްލައިފިއެވެ. ވިޔަފާރީގެ މައްޗަށް ގަދަވެގެނެފިއެވެ. އަޅުގަނޑަށްވުރެ ޒުވާން ކުއްޖަކާއި ކައިވެނިވެސް ކޮށްފިއެވެ.
އަޅުގަނޑު ދުލެއް ނުދެމެވެ. އަޅުގަނޑުގެ ޙައްޤު ހޯދަން މަސައްކަތްފެށީމެވެ. ވަކީލުންނަށް އަގުއަދާކުރާނެ މިންވަރަށްވެސް އަތުގައި ފައިސާ ނެތުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިއެވެ. އެހެނަސް އުންމީދު ކަނޑައެއް ނުލަމެވެ. އަބަދުވެސް ކުރާ ފަދައިން ރޭއަޅުކަންކުރުމާއި ދުޢާކުރުންމަތީގައި ޘާބިތުވެ ހުރީމެވެ.
އެއްދުވަހަކު އަޅުގަނޑުގެ ކޮއްކޮ އައިސް ޙާލު އެހުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ކިޔައިދިނުމުން އޭނާގެ ހިތުގައި ހަމްދަރުދީ އުފެދި ވަކީލަކު ހޯދައިގެން މަސައްކަތްފެށީއެވެ. ޝަރީޢަތް ނިމުނީ 3 އަހަރުންނެވެ. ނިމުނުއިރު ނިމުނީ ވަރަށް އިންޞާފުންނެވެ. ގެމޯގޭޖްކޮށްފައި ނެގިލޯނުގެ ފައިސާވެގެންދިއައީ އަޅުގަނޑުގެ ޙިއްޞާއަށް އިތުރުވިބައަކަށެވެ. ފިރިމީހާ އޭނާގެ ބޭނުންތަކަށް ނަގާފައިވާ ފައިސާތައް ކެނޑުމުން އޭނާގެ ޙިއްޞާއަށް ބަދަލެއްދޭން ނުޖެހުނު ތަނުގައި ކުންފުންޏަށް ފައިސާ ދައްކަންޖެހުނީ އޭނާއަށެވެ.
ވިޔަފާރީގައި މިހާރު އަޅުގަނޑުގެ ބައިވެރިއަކީ ކޮއްކޮއެވެ. ވިޔަފާރި ހިންގަނީ ދެބެއިންނެވެ. ދެވަނަ ކައިވެނިކޮށް ފިރިއަކުވެސް އެބަހުއްޓެވެ. ވިޔަފާރީގައި އޭނާއަށް ޙިއްޞާއެއް ނުދެމެވެ. ޙިއްޞާއެއް ހޯދާކަށްވެސް އޭނާ ނުއުޅެއެވެ. ނަމަވެސް އޭނާވެސް މަސައްކަތްކުރާތީ މުސާރަދެމެވެ.
މިއަދުނޫހުގެ ކިޔުންތެރިނަގެ ސަމާލުކަމަށް މިވާހަކަ މިގެނައީ ކިތަންމެ ލޯބިން އެކުގައި އުޅުނަސް ފައިސާގެ ކަންކަމުގައި ސަމާލުވުމަށް ބުނުމަށެވެ. ޚާއްޞަކޮށް އަމިއްލަ ގެ މޯގޭޖްކުރުން ފަދަ ކަންކަން ކުރާނަމަ ފިރިމީހާއަށް ހުރިހާ ބާރުތަކެއް ނުދިނުމަށް ބުނުމަށެވެ. އެކަންކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ވަރިކޮށްލާތަނުން ލޯނު ބޮލުގައި އަޅަންޖެހި ގެއިން ނުކުންނަން ޖެހި މަގުމަތިވުން ކައިވީމައެވެ.
އަޅުގަނޑަށް ކުރަންޖެހުނު ފަދަ ހިތާމައެއް އެއްވެސް އިތުރު އަންހެނަކަށް ކުރަން ނެހުމަށް އެދެމެވެ. އަޅުގަނޑު މޮޔަނުވެ ސަލާމަތްވީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭފަދަ އަޅެއްގެ ގޮތުގައި އުޅެވުނީތީއެވެ. ނޫންނަމަ ކަންކަން ވާނެ ގޮތް ބުނަންވެސް ނުއެނގޭ ޙާލަތަށް ކަންބޮޑުވިއެވެ.
--ޝަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް