ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ ހެދުން އެޅުމާ ގުޅޭ މާއްދާއަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިސްލާހު ގެނެސްފިއެވެ. މި އިސްލާހާ އެކު ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތް ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޑީޖޭއޭއިން އިއްޔެ ނެރުނު ސާކިއުލާގައިވާ ގޮތުން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގެ 129 ވަނަ މާއްދާއަށް ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހު ގެނައުމުގެ ކުރިން އޮތް ގޮތުން، ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރުކަމާއެކު އަދާކުރަންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވާތީ، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅަންޖެހެނީ އެ މުވައްޒަފަކީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށެވެ.
އަލަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، މޫނު ބުރުގާ އަޅާ މުވައްޒަފުންނަކީ ކާކުކަން ކަށަވަރު ނުވެއްޖެ ހާލަތެއްގައި، އެ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ޑީޖޭއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފެށުމަށް ކޯޓުތަކުގެ އިތުރުން ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އެހެން އިދާރާތަކަށްވެސް ވަނީ އަންގާފައެވެ. އަދި ޝަރުޢީ ދާއިރާގެ ބައެއް އުސޫލުތައް ޒަމާނަށް ފެއްތުމަށްޓަކައި ޑީޖޭއޭއިން މިހާރު އަންނަނީ އިސްލާހުތައް ގެންނަމުންނެވެ.