ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ، ފުލުހުންގެ މުހިންމު ޚިދުމަތްތަކަށް އިޙްތިރާމާއި ޝުކުރު އަދާކުރައްވާފައެވެ. އަދި ފުލުހުންގެ ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެއާއިދުވާލު ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކުރައްވާފައިވެއެވެ.
ފުލުހުންގެ ޚިދުމަތަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ މުއައްސަސާއެވެ. މި މުއައްސަސާގެ މުވައްޒަފުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފުލުހުންގެ ދުވަސް ފާހަގަކުރެއެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ފުލުހުންގެ ޚިދުމަތުގެ އެންމެހާ މުވައްޒަފުންނަށް ހެޔޮއެދުންތައް ރައްދުކުރައްވާފައިވެއެވެ.