ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ދޫކުރާ ސްޓާޓްއަޕް ގްރާންޓަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ގްރާންޓްގެ ދަށުން އަލަށް ފަށާ 3 ވިޔަފާރިއަކަށް، ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރި ފަށަން ބޭނުންވާ އާންމު ފަރުދުންނަށާއި، ރަޖިސްޓްރީކުރި ފަހުން އެއް އަހަރު ވެފައިނުވާ ވިޔަފާރިތަކަށެވެ.
ބީއެމްއެލްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ގްރާންޓަށް އެދި ހުށައެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 7 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ. އަދި ގްރާންޓަށް އެދޭ ފަރާތްތަކުން ވިޔަފާރި ހިޔާލަކާއެކު ވިޔަފާރި ޕްރޮޕޯސަލެއް ބީއެމްއެލްއަށް ހުށައަޅަންޖެހޭނެއެވެ.
ގްރާންޓް ލިބޭ ފަރާތްތައް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކަމަށް ޚާއްސަ އިވެލުއޭޝަން ކޮމެޓީއަކުންނެވެ. އަދި ހޮވޭ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ މުހިންމު މައުލޫމާތާއި އެހީތެރިކަންވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެއެވެ.
މި ފުރުސަތަކީ ރާއްޖޭގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު އެހީތެރިކަމެކެވެ. އަދި މީގެ ސަބަބުން ގިނަ ޒުވާނުންތަކަކަށް އަމިއްލަ ވިޔަފާރި ފެށުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.