މުދާ ދޫކުރުމަށް އެމްޕީއެލްއިން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މުދާ ދޫކުރުމަށް އެމްޕީއެލްއިން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުދާ ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފިއެވެ.

މި އައު ނިޒާމު މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި އައު ނިޒާމު ތައާރަފުކުރުމާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއަރކުރެވޭނީ މި އިލެކްޓްރޯނިކް ކިޔުގެ ތެރެއިންނެވެ. މި ބަދަލާއެކު މުދާ ކްލިއަރކުރުމުގެ މަސައްކަތް އަވަސްވެ، އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ކިޔުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެމްޕީއެލްގެ ވެބްސައިޓުން ފޯމު ޑައުންލޯޑުކޮށް، ފުރިހަމަކުރުމަށްފަހު އެ ކުންފުނީގެ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. އަދި ކިޔުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ޝަރުތުތަކެއްވެސް އެމްޕީއެލްއިން ވަނީ އާންމުކޮށްފައެވެ.

އެމްޕީއެލްއިން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި، މާލެ ކޮމާޝަލް ހާބަރު ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެމްސީއެޗް ކިޔުއިން ވަކިވުމަށް އެދި ސިޓީއެއް ހުށަހަޅަންޖެހުމާއި، ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވާންޖެހުން ހިމެނެއެވެ. މީގެއިތުރުން، ވެހިކަލް އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވުމާއެކު، ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލްތައް ކަމަށްވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.

މި އައު ނިޒާމަކީ މުދާ ކްލިއަރކުރުމުގެ މަސައްކަތް ޒަމާނީކޮށް، ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްޕީއެލްއިން ދެކެއެވެ.

މިއަދު އޮންލައިން