ލޯކަލް ޓޫރިޒަމަށް އެހީވުމަށް މޯލްޑިވިއަނުން ޚާއްސަ ފެއަރތަކެއް ތަޢާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ލޯކަލް ޓޫރިޒަމަށް އެހީވުމަށް މޯލްޑިވިއަނުން ޚާއްސަ ފެއަރތަކެއް ތަޢާރަފްކޮށްފި

ލޯކަލް ޓޫރިޒަމަށް ނުވަތަ ރަށު ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވިއަން އިން ޚާއްސަ ފެއަރތަކެއް ތަޢާރަފްކޮށްފިއެވެ. މިގޮތުން އައިލެންޑް އޭވިއޭޝަނުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިންގެ އަތުން ނަގާ އަގުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މި ބަދަލުތަކުގެ ތެރޭގައި، ޓުއަރ އޮޕަރޭޓަރެއް ނުވަތަ ޓްރެވަލް އެޖެންސީއެއްގެ އެހީތެރިކަމެއް ނެތި، އަމިއްލައަށް ދަތުރު ރާވައިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް (ފްރީ އިންޑިޕެންޑެންޓް ޓްރެވެލަރސް) އެވްރެޖްކޮށް 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ފަށާފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި މި އަގުތަކުގައި ޓިކެޓް މިއަދުން ފެށިގެން ވިއްކަން ފަށާފައިވާއިރު، މި ޓިކެޓްތަކުން ދަތުރުކުރެވޭނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މީގެއިތުރުން، ލޯކަލް ޓޫރިޒަމްގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ޚާއްސަ ކޯޕަރޭޓް ރޭޓުތަކެއް ވެސް ވަނީ ތަޢާރަފްކޮށްފައެވެ.

ކޯޕަރޭޓް ރޭޓުތަކާ ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް [email protected] އަށް އީމެއިލް ކުރެއްވުމަށް މޯލްޑިވިއަނުން ވަނީ އިރުޝާދު ދެއްވާފައެވެ.

މި އައު އަގުތައް ތަޢާރަފްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެޅުއްވި ފިޔަވަޅެއް ކަމަށްވާއިރު، މިކަމުން ރާއްޖޭގެ ރަށު ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން