ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް ނިންމާލައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް މިއަދު ވަނީ ނިންމާލާފައެވެ. މެއި 10 ވަނަ ދުވަހު ފެށުނު މި ކޮންފަރެންސް ކުރިއަށް ގެންދިޔައީ ތިން ދުވަހުގެ މުއްދަތަށެވެ. ކޮންފަރެންސް ނިމުމާއެކު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާގުޅޭ ދިރާސާތައް ހިމެނޭ ޚާއްޞަ ފޮތެއްވެސް ވަނީ ނެރެފައެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢައިޝަތު މުޙައްމަދު ވިދާޅުވީ، "މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ވަށައިޖެހޭ ހައްލެއް ހޯދުން" ކަމުގައެވެ.

ކޮންފަރެންސްގެ ފުރަތަމަ ދުވަހު ބޭއްވުނު ސެޝަންތަކުގައި، ކުށްކުރަން ހުޅުވިފައިވާ ދޮރުތަކާއި އެ ދޮރުތައް ބަންދުކުރުމުގެ މައްޗަށް ފަންނީ މަޝްވަރާތަކެއް ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން، ކުށްކުރާ ކުދިން ރީހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރެވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކޮންފަރެންސް ފެށުމުގެ ކުރިން، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭ އެކި މަޢުޟޫތަކަށް ޢިލްމީ ދިރާސީ ކަރުދާސްތަކެއް ތައްޔާރުކުރެވުނު ކަމަށް ޢައިޝަތު މުޙައްމަދު ފާހަގަކުރެއްވިއެވެ. އަދި ކޮންފަރެންސްގައި ބަދަލުކުރެވުނު މަޢުލޫމާތުތައް ބިނާކުރެވިފައިވަނީ މި ދިރާސާތަކުގެ މައްޗަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޔުނިސެފް، މޯލްޑިވްސް ޕޮލިސް ސަރވިސް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިތުރުން ކޮލެޖުތަކާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބައިވެރިވިއެވެ. މި ކޮންފަރެންސްއަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު މަންސަތެއް ކަމުގައި ބައިވެރިން ފާހަގަކުރިއެވެ.

މިއަދު އޮންލައިން