1000 އަށްވުރެ ގިނަ ބައިވެރިވާންނާއެކު ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
1000 އަށްވުރެ ގިނަ ބައިވެރިވާންނާއެކު ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރަތް ފަށަނީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި 1000 އަށްވުރެ ގިނަ ބައިވެރިން ވާދަކުރާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރައްވައިފިއެވެ. މި މުބާރާތުގެ ކިޔެވުންތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި އަހަރުގެ މުބާރާތުގައި ޖުމްލަ 1003 ބައިވެރިން ވާދަކުރާނެއެވެ. މީގެ ތެރޭގައި އަތޮޅު ކައުންސިލްތަކުން ބަލައިގެން ކިޔެވުމުގެ ބައިން 190 ބައިވެރިންނާއި، ނުބަލާ ކިޔެވުމުގެ ބައިން 166 ބައިވެރިން ހިމެނެއެވެ.

ސިޓީ ސްކޫލްތަކުގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން 190 ދަރިވަރުން ބައިވެރިވާއިރު، ނުބަލާ ކިޔެވުމުގެ ބައިން 172 ދަރިވަރުން ވާދަކުރާނެއެވެ. އަދި ޙާފިޒުންގެ ބައިން 29 ބައިވެރިން މި މުބާރާތުގައި ވާދަކުރުމަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

މީގެއިތުރުން، އެހެނިހެން ކެޓަގަރީތަކުން ބަލައިގެން ކިޔެވުމުގެ ބައިން 181 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ބައިން 75 ބައިވެރިން ވާދަކުރާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވަނީ ހާމަކުރައްވާފައެވެ.

މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތް ކަމަށްވެފައި، ކޮންމެ އަހަރަކުވެސް ގިނަ ބައިވެރިންނެއް ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމާއި، ޅަފަތުގައި ކުދިންނަށް ޤުރުއާން ކިޔެވުމުގެ ޝައުޤުވެރިކަން އުފެއްދުމެވެ.

މިއަދު އޮންލައިން