އެވްރެޖްކޮށް ބަލައިފިނަމަ ކޮންމެ 5 އަހަރަކުން 50 މެގަވޮޓްގެ ކަރަންޓް އިތުރަށް ބޭނުންވާ ކަމަށާއި ނަމަވެސް އިންޖީނުގެތައް ޕްލޭންކޮށްފައި ހުރީ ކަރްންޓުގެ ޚިދުމަތް ބޭނުންވާވަރަށް އިތުރުކުރަން ފަސޭހަވާނެ ގޮތަކަށް ނޫންކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ ވިދާޅުވީ މަސައްކަތްތައް ކުރަންޖެހުމުން ކަރަންޓްކަނޑަން ޖެހެން މެދުވެރިވާ އެއްސަބަބަކީ އެއީ ކަމަށާއި އެސަބަބުތައް ނައްތައިލުމަށް ސްޓެލްކޯއިން މިހާރު މަސައްކަތްކުރަމުންގެންދާ ކަމަށާއި މަސައްކަތްތައް ނިމުމުން ކަރަންޓް ކަނޑަން ޖެހުނަސް ކަރަންޓް ލިބުން އަވަސްވެގެންދާނެ ކަމަށެވެ.
ޙުސައިން ފަހުމީގެ ވާހަކަފުޅުން:
ހޮނިހިރު ދުވަހު ހެނދުނު އަޅުގަނޑުމެން 6 ޖަހާއިރު ހުޅުމާލޭ 50 މެގަވޯޓްގެ އިންޖީނު އޮފް ކޮށްލަން އެބަޖޭހޭ. މުޅިން ޝަޓްޑައުން ކޮށްލައިގެން ކުރަންޖެހޭ، ކޮންމެހެން ކުރަންޖެހޭ މަސެއްކަތެއް އިނގޭތޯ. އެހެންވީމަ މި މަސެއްކަތް ކުރުމަށް ޝެޑިއުލް ކުރެވިފަ ވަނީ މާދަން ހެނދުނު 6 ން 10 އަކާ ދޭތެރޭގަ. ދެން މި މަސެއްކަތް ކުރަމުން ދާއިރު އަޅުގަނޑުމެންނަށް މުޅި ނެޓްވޯކުން 50 މެގަވޯޓް އުނިވެގެން ދާނެ. އެހެންމަ ފަހަރެއްގަ މާލެއާ ހުޅުމާލެއާ އެކި ސަރަޙާއްދުތަކުން ކޮންމެވެސް ވަރަކަށް ލޯޑް ޝެޑް ކުރަން ޖެހިދާނެ. އެހެން ނަމަވެސް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ކޮންޓްރޯލް ލޯޑް ޝެޑެއް ގެންދާނީ. ގެނދާއިރު އަޅުގަނޑުމެންގެ އެ ކަސްޓަމަރުންނަށް ވަކިވަކިން އިންފޯމްވެސް ކުރާނަން. ބައިގަޑިއިރު ނުވަތަ ސާޅީހަކަށް މިނިޓް ކަރަންޓް ކަނޑާލަން ޖެހިދާނެ އެކި ދިމަދިމާލުން، އެކި ފަހަރު ފަހަރު.
މީގެ މާނައަކީ މުޅި މާލެ ނުވަތަ ހުޅުމާލެ އެއްކޮށް ކަރަންޓް ދަނީއެކޭ ވެސް ނޫން. ޕަވަރޕްލާންޓް ތަކުގައި މަސެއްކަތް ކުރަން ޖެހުނީމަ އެމަސެއްކަތް ކުރަންޖެހޭނެ. އަޅުގަނޑުމެންނަށް މިވަގުތު ލޯޑް ޝެޑަކަށް ދާން މި ޖެހުނީ، އަޅުގަނޑުމެން މިހާރު މިތިބީ ހުޅުމާލޭ 50 މެގަވޯޓް ޕަވަރޕްލާންޓްގަ. މި ޕަވަރޕްލާންޓްގެ ބިންގާ އެޅުނީ 2016 އިގަ، ކަމިޝަން ކުރެވުނީ 2019 އިގަ. އަޅުގަނޑުމެންގެ މާލޭގެ ޑިމާންޑް މިހިރަ ގޮތުން ކޮންމެ 5 އަހަރަކަށް ގާތްގަނޑަކަށް 50 މެގަވޯޓް ކަރަންޓް އެބަ ބޭނުންވޭ. މާނައަކީ މި ޕަވަރޕްލާންޓް ކަމިޝަން ކުރެވުނު ފަހަކުންނެއް އަދިއެއް ނެތޭ އާ ޕަވަރޕްލާންޓެއް އެޅިފަކާ. އެޅުން ނަމަ އަޅުގަނޑުމެން މި ޕަވަރޕްލާންޓް ތަކަށް މަސެއްކަތް ކުރަން ޖެހުނަސް، އެ ޓެކްނިކަލް މަސައްކަތްތަ ކުރަން ޝަޓް ޑައުން ކުރަން ޖެހުނަސް ކަރަންޓެއް ނުވެއް، މިގޮތަށް ލޯޑް ޝެޑް ކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް މާޒީގަ އަޅުގަނޑުމެންނަށް ޕަވަރޕްލާންޓް ތަކެއް ޕްލޭން ކުރެވިފަ ހުރިގޮތަށް އެޅިފަ ނެތީމަ މިއަދު މިހާލަތަށް މި އަންނަންޖެހުނީ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި ހާލަތުން އަރައިގަންނާނަން. މީ މާ ބޮޑު ކަމެއް ނޫން. އެހެންނަމަވެސް އަޅުގަޑުމެން މިކަންތައް ޕަބްލިކަށް އަންގަން ބޭނުން. އެއީ މާލޭގަ މީހުން އުޅޭ ހާލަތު އަޅުގަނޑުމެންނަށް އެނގޭތީ، އެހެންމަ ވީހާވެސް ސްމޫތްކޮށް ގެންގޮސް ނިންމާލުން އަޅުގަނޑުމެންގެ އަޒުމަކީ.