އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ފަލަސްތީނުގައި މިވަގުތު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ޓީމަށް ފުޓްބޯޅަ ކުޅޭނެ މާހައުލެއް ނެތުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަލަސްތީނު ޓީމުގެ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤާއި އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލް ޒަރީރާ އެކު މަޝްވަރާކުރެވުނެވެ.
ކުޅިވަރު ވުޒާރާއިން ބުނެފައިވާ ގޮތުގައި މިއީ ފަލަސްތީނާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުޅިވަރުގެ ދާއިރާއިން ފަލަސްތީނަށް އެހީތެރިވުމަށް ނިންމި މުހިންމު ނިންމުމެކެވެ.
ފަލަސްތީނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެ ޤައުމުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމަށް އެދިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 8 އިން 19 އަށެވެ. މި މުއްދަތުގައި ފަލަސްތީނުގެ ޓީމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ އެއްބަސްވެފައެވެ.
މި ނިންމުމަކީ ދެ ޤައުމުގެ ކުޅިވަރުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތް ތަނުގައި އިތުރު ތަމްރީނު ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.
މިއީ ފަލަސްތީނާއި ރައްޖޭގެ ގުޅުން އިތުރަށް ވަރުގަދަވެ، ކުޅިވަރުގެ ކަންކަމުގައި ފަލަސްތީނަށް އެހީވުމަށްޓަކައި ކުރެވޭ މުހިންމު ނިންމުމެއް.