ރީޖަނަލް އެއާޕޯޓްސްގެ ހުރިހާ އޮޕަރޭޝަނެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރީޖަނަލް އެއާޕޯޓްސްގެ ހުރިހާ އޮޕަރޭޝަނެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)ގެ ހުރިހާ އޮޕަރޭޝަނެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކޮށްފިއެވެ. މި ބަދަލާ އެކު އަތޮޅުތެރޭގައި ހިންގަމުން އައި ޖުމްލަ 9 ރީޖަނަލް އެއާޕޯޓެއްގެ ހިންގުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މިހާރުވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.

އެމްއޭސީއެލްގެ އިސް އޮފިޝަލެއް މަޢުލޫމާތު ދެއްވި ގޮތުގައި، އެ އެއާޕޯޓުތަކާ ހަވާލުވިއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށް ފެންވަރެއްގައެވެ. އަދި މިވަގުތު ކުރިއަށްދަނީ އެ އެއާޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން، އެއާޕޯޓްތަކަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މި ބަދަލު ގެނައުމުގެ ކުރިން، ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ރީޖަނަލް އެއާޕޯޓްސްގެ އޮޕަރޭޝަންތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ނަމަވެސް، ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލުން ހަވާލުވެފައިވީ ނަމަވެސް، އެ ކުންފުނި އުވާލުމުގެ މަސައްކަތްތައް އަދި މުޅިން ނިމިފައެއް ނުވެއެވެ. މި ބަދަލާއެކު އެއާޕޯޓްތަކުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން