ޢިބްރަތްތެރި ވާހަކަ: ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގަ ކިޔަމަންތެރިވުމުން ނުލިބުނު ވަޒީފާ އަމިއްލަ މަސައްކަތްކުރާ ވެރިއެއްގެ ގޮތުގަ ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ޢިބްރަތްތެރި ވާހަކަ: ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގަ ކިޔަމަންތެރިވުމުން ނުލިބުނު ވަޒީފާ އަމިއްލަ މަސައްކަތްކުރާ ވެރިއެއްގެ ގޮތުގަ ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެން އެންމެ ކުޑައިރުންސުރެ އަޅުގަނޑުމެން ލައްވައި މަންމަ ނަމާދުކުރުވައެވެ. އެހެންވެ އެންމެ ދުރު ހަނދާނަކަށް ހުންނަ ކަންކަމުގެ ތެރޭގައިވެސް މަންމަގެ ފަހަތުގައި ނަމާދުކުރާ ހަނދާން ހުރެއެވެ. ނަމާދުކުރަންވީމާ ވުޟޫކުރުވައި ބުރުގާ އަޅުވާހަނދާން ހުރެއެވެ. 

ޢުމުރުން 12 ވަރަކަށް އަހަރުގައި ހިތަށް އަރަން ފަށައިފިއެވެ. ﷲ ތަޢާލާ އަހުރެމެންނާއި އެންމެ ބޮޑަށް ކުއްތަންވެވޮޑިގެންވަނީ ނަމާދުގެ ސަޖިދައިގައެވެ. ނަމާދުކުރާއިރު ބުރުގާ މިއަޅަނީ އެހެންވެގެންނެވެ. އެހެންވީމާ ނަމާދު ނިމުނަސް ހުންނަން ޖެހޭނީ ބުރުގާ އަޅައިގެންނެވެ. އެހެންވެ މަންމަ ގާތު ވަރަށް އާދޭސްކޮށްގެން ބުރުގާއަޅައިފީމެވެ. 

މަންމަ އެއިރުވެސް ހުރީ ބުރުގާ އަޅުވަން ބޭނުންވެފައެވެ. ނަމަވެސް މަންމަގެ ބިރަކަށް އޮތީ މަންމަ ބުނެގެން އަޅާފައި ފަހުން ނަގައިފާނެ ކަމުގެ ބިރެވެ. މަންމައަށް އާދޭސްކުރަން ޖެހުނީ ބުރުގާ ފަހުން ނުނަގާނެކަން ޔަޤީންކޮށްދޭށެވެ. 

ކޮންމެއަކަސް ބުރުގާ އަޅައިގެން ސްކޫލަށްދާން ފެށުމުން ބައެއް ކުދިން މަލާމާތްވެސް ކުރިއެވެ. އެކަން އެހެންވާނެކަން މަންމަ އޮތީ ކުރިންވެސް ވިސްނައިދީފައެވެ. އެހެންވެ ކަންބޮޑެއް ނުވަމެވެ. 

ކުރުކޮށްލާނަމެވެ! ބޮޑުވަމުން އައި ވަރަކަށް މަސައްކަތްކުރަމުން އައީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ސްކޫލުންދޭ ފިލާވަޅުތައް ދަސްކުރުމަށްފަހު ދެން ލިބޭ ހުސްވަޤުތުތަކުގައި ކިޔައި އުޅުނީ ދީނީ ފޮތްތަކެވެ. 

ދެ ޘާނަވީވެސް ރަނގަޅު ފެންވަރުގައި ނިންމުނެވެ. މަތީ ތަޢްލީމްވެސް ޙާޞިލްކުރެވުނެވެ. އެކަށީގެންވާ ވަޒީފާއެއްވެސް ލިބުނެވެ. އެންމެ ބޭނުންވި ވަޒީފާ ނުލިބުނީ މޫނުބުރުގާއަޅާތީއެވެ. އެކަމަކާ ކަންބޮޑެއްވެސް ނުވަމެވެ. ﷲ ތަޢާލާ އަށް ކިޔަމަންތެރިވާ އަޅުންގެ ކަންކަން ބައްލަވައިވޮޑިގެންވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮންނާތީއެވެ. 

ކައިވެނިކުރީ މަންމަ ދެއްކި މީހަކާއެވެ. އޭނާއަކީ އަމިއްލަ ކުންފުންޏެއް ހިންގާ މީހެކެވެ. ކައިވެނިކުރުމާއިއެކު މަސައްކަތްކުރަންޖެހުނީ ފިރިމީހާއާއިއެކުގައެވެ. މައިގަނޑު މަސައްކަތަކަށް ކުރަންޖެހުނީ އަޅުގަނޑު އެންމެ ކުރަން ބޭނުންވި މަސައްކަތެވެ. މޫނުބުރުގާ އަޅާތީ ކުރިން ނުލިބުނު ވަޒީފާއެވެ. މަސައްކަތް ކުރަން ލިބުނީ ވެރިއެއްގެ ދަށަކުން ނޫނެވެ. ވެރިއެއްގެ ގޮތުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މޫނު ބުރުގާ އަލައި ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވާށެވެ! ﷲ ތަޢާލާ އެމީހަކަސް ދެރަގޮތެއް މެދުވެރި ނުކުރައްވަވާނެތެވެ. އިން ޝާ ﷲ. އެކަމަކު ބުރުގާ އަޅައި ފޮރުވަންވީ ހަށިގަނޑުގެ ބޭރުފުށް އެކަންޏެއް ނޫނެވެ. ޝައިޠޯނާއަށް ތިމާގެ ހިތްވެސް ފޮރުވަންވާނެއެވެ. ފުރިހަމަ ފައިދާކުރާނީ އެއިރުންނެވެ. އަދި ފުރިހަމަ މާނައިގައި ފޮރުވިގެން ހުރުމަކީވެސް ހަމަ އެއީއެވެ.

 

- ސުލްޠޯނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން